މި ސަރުކާރުން އެންމެ ބޮޑަށް ދައްކަމުންދާ އެއް ވާހަކައަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޑޮލަރުން ފައިސާ ޖަމާކުރަމުންދާ ވާހަކަ ކަމަށާއި ނަމަވެސް، އެ ފަންޑުގައި ހުރި ފައިސާގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރަހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ މާލީ މުއާމަލާތްތަކުގެ ބޮޑެތި މައްސަލަތަކެއް މި ސަރުކާރުން ފެންމަތި ކޮށްފައިވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ އެ ކަންކަން ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ޕްރެޒެންޓޭޝަންގައި ބުނީ، އެސްޑީއެފަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާކުރަމުން ދާކަމަށް ސަރުކާރުން ބުނިނަމަވެސް، އެ އަދަދު ދަނީ ދަށަށް ކަމަށެވެ. އެ ފަންޑަށް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް، ސަރުކާރުން މިހާރު ވަނީ އެސްޑީއެފްގައި ހުރި ޑޮލަރު ބޭނުންކޮށްފައި ކަމަށް އަމީރުގެ ޕްރެޒެންޓޭޝަންގައި ވަނީ ބުނެފައެވެ.

އަދި މިހާރު އެސްޑީއެފްގައި ބާކީ ހުރީ 18 މިލިއަން ޑޮލަރު ކަމަށް އަމީރުގެ ޕްރެޒެންޓޭޝަންގައި ވަނީ ބުނެފައެވެ.

އަމީރު ވަނީ އެ ފަންޑުގައިހުރި ޑޮލަރުތައް ބޭނުންކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބައެއް ޕޭމަންޓްތައް ދެއްކުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.

އަމީރު މިހެން ވިދާޅުވިނަމަވެސް، އެ ފަންޑުގައި މިހާރު ހުރި އަދަދު ސަރުކާރުން ހާމަ ނުކުރާތާ ވަނީ ދުވަސްކޮޅެއް ވެފައެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި އިނޮކޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވާގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފަންޑުގައި ހުރީ އެންމެ 3 މިލިއަން ޑޮލަރެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެންމެ ހަތަރު މަހުން 30 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާނޭކަމަށް ސައީދު އޭރު ވިދާޅުވިއެވެ. އަދި އަމާޒަކީ މި އަހަރު ނިމޭއިރު ފަންޑަށް ޖުމުލަ 120 މިލިއަން ޑޮލަރު އިތުރު ކުރުންކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.

އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު އެފަންޑުގައި ހުރި ޑޮލަރު މާރުކޮށްގެން ބޭނުންކުރީ ކަމަށް ރައީސް ޞާލިހު ކުރިން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން