މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލީހުގެ ޖަލްސާގެ ތެރެއިން
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މުޅިމަޖިލީހުގެ ކޮމިޓީއަށް ފޮނުވި ބިލްތައް އިތުރަށް ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޓީޖީއެސްޓީ ބޮޑުކުރުމުގެ ބިލަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށައަޅުއްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި އިސްލާޙުގައި ވަނީ މުވައްޒަފުންނަށް ހާއްސަކުރެވިގެން ރިސޯޓްތަކުގެ ހިންގާ ފިހާރަތަކުގެ އިތުރުން ކެފޭތައް އެ ޖީއެސްޓީއިން އުނިކުރުމަށެވެ.

އޭގެ އިތުރުން ޓީޖީއެސްޓީ ބޮޑުކުރާ ތާރީހު އަންނަ އަހަރުގެ އޮކްޓޯބަރު 31 އަށް އިތުރުކޮށްދިއުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާޙަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ.

އަދި ހަމައެހެންމެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށައެޅުއްވީ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރާއިރު ގެސްޓް ހައުސްތަކާއި އުތުރާއި ދެކުނުގެ ޓޫރިޒަމް ޒޯން އިސްތިސްނާ ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ އިސްލާހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ތާއީދުކުރެއްވި އެވެ.

އެ ބިލު މާލިއްޔަތު ކޮމިޓީއާއި އިގްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އަދި ގްރީންޓެކްސް ބޮޑުކުރުމުގެ ބިލާއި ޑިޕާޗާ ޓެކްސް ބޮޑުކުރުމުގެ ބިލު މާލިއްޔަތު ކޮމިޓީއާއި އިގްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު