މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ސަރުކާރުން މިއަދު މަޖިލީހަށް ހުށައެޅި ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށައަޅުއްވާފައިވަނީ، މިއަދު މެންދުރު 1:30 ގައި ބަޖެޓް ބަހުސް ފެށުމަށެވެ. އަދި ކޮންމެ މެންބަރަކަށް 5 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށްފަހު ބަޖެޓް ކޮމިޓީއަށް ފޮނުވައި، އެ ކޮމެޓީގެ މަސައްކަތް ކުރުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެއަށްފަހު ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުމުން ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 2 މިނެޓްގެ ފުރުސަތެއް ދިނުމަށްވެސް ފަލާޙް ހުށަހެޅުއްވި އެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޟިރުވި 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މާލީ ވަޒީރު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި ބަޖެޓާ އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ. އެހެންކަމުން އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަނާއި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން