މާލީ ވަޒީރު
މާލީ ވަޒީރު
ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރަނީ މުޅި މުސާރަ އައިޓަމްގެ ހަތަރު އިންސައްތަ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަހަރަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށައަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައަށް ސަރުކާރުން ހޭދަކުރަނީ ބަޖެޓުގެ ޖުމްލަ ޚަރަދުގެ އެއް ޕަސެންޓު ކަމަށެވެ. އަދި އެއީ މުޅި ސަރުކާރުގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު އިންސައްތަ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ދަތުރުފަތުރާއި ހަފުލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއް ހަމަޖައްސާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

“ސިޔާސީ ފަރާތްތަކުގެ މުސާރަ އަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެއް. މުޅި ދައުލަތުގެ ހަރަދުގެ އެއް ޕަސެންޓު.” ޒަމީރު މިއަދު ވިދާޅުވިއެވެ.

ޒަމީރު މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރަށް އެކިއެކި ފެންވަރުގައި އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށްވުރެ މަތިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް، މުސާރައިން 10 އިންސައްތަ، ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރަން ނިންމަވައިފަ އެވެ.

އަދި ރައީސް ޑރ. މުޢިއްޒުއާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވަނީ އެބޭފުޅުންގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަންވެސް ނިންމަވައިފަ އެވެ. އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށްވެސް ރައީސް ރޭ ނިންމަވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން