ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިންމުކަން ގަބޫލުކުރާ ގައުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 'ޔޫ.އެން ޑޭ' ގެ މުނާސަބަތުގައި ދެއްވި މެސެޖުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ދިވެހިރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދުން ކަމަށެވެވެ.

މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮންމެ ގައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ އަދި ކުރަން ޖެހޭނެ ގައުމެއްކަމަށެވެ. އަދި ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް މި ޒިންމާ އަދާކުރަން ޖެހޭކަމަށާއި، ދިވެހިރާއްޖެއިން އެކަން ސާބިތު ކޮށްދީފައި ވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވަނީ އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ އަށް އަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާކަމަށް ފާހަގަ ކުރައްވާފައެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާއާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ކަމަށްވާ ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޔޫ.އެން ޑޭ ފާހަގަކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި އެކުވެރި ދައުލަތްތައް، ޔުނައިޓެޑް ނޭޝަންސް އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން