ސަރުކާރުގެ އިދާރާތަކުގައި ރަސްމީ ގަޑީގައި ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވައްދަން ފޯމު ފުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ސަރުކާރުގެ އެކި އިދާރާތަކުގައި ޕީއެންސީއަށް ފޯމު ފުރުމުގެ ހަރަކާތްތަކެއް ދަނީ ފާޅުގައި ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނެއެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކުރީގެ ޕީޕީއެމްގެ ސަރުކާރެކޭ އެއްގޮތަށް ޕީއެންސީގެ ސަރުކާރުން ވެސް ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތައް އެމްޑީޕީއަށް ލިބެމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ޕީއެންސީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް މުވައްޒަފުން ލައްވައި ކުރަމުންދާތީ ސަރުކާރުގެ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަންކުރާ ޕާޓީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް މި ޕާޓިން ގޮވާލަމެވެ. އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން