ނިއުރޭޑިއަންޓްގެ އައު ޗެއާމަން މުބީން (ވ.)
ނިއުރޭޑިއަންޓްގެ އައު ޗެއާމަން މުބީން (ވ.)
ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓްގެ ކޮންގްރެސް ކުލަގަދަ ރަސްމިއްޔާތަކާއިއެކު މިމަހު ވިހީގައި ދަރުބާރުގޭގައި ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ބައެއް ވާދަވެރިންގެ ނުފޫޒުން 2019 ގައި ނިއުރޭޑިއަންޓް ގަލޮޅު ދަނޑުން ގެއްލުވާލި ނަމަވެސް ނިއުރޭޑިއަންޓް އެނބުރި އައިސް، މިހާރު ވަނީ ފުޓުބޯޅައިގައި އަލުން ފިޔަގަނޑު ދަމާލާފައެވެ. އެގޮތުން އެ ކްލަބުން ދަނީ ދެވަނަ ޑިވިޜަންގައި ވާދަކޮށް ފުރަތަމަ ޑިވިޜަނަށް ޕްރޮމޯޓްވުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ.

އެމަސައްކަތަށް އިތުރު ޖޯޝާއި ހަކަތަ ގެނައުމަށްޓަކައި އެކްލަބުން މިހާރު ތައްޔާރުވަމުންދަނީ ކްލަބްގެ ލީޑަރޝިޕަށް ބޮޑު ބަދަލެއް ގެނައުމަށެވެ. ނިއުރޭޑިއަންޓުގެ އައު ލީޑަރޝިޕުން މިފަހަރު ނިކުންނަނީ ނިއުގެ ހައްގުގައި ނިއުގެ ނުލާއި ހުދު ތަމްސީލްކޮށް ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޜަނަށް ގެންދިއުމުގެ ވަރުގަދަ އަޒުމުގައި ކަމަށް އެކްލަބްގެ އޮފިޝަލެއް “ރަސް އޮންލައިނަށް” މަޢޫލޫމާތު ދެއްވާފައިވެއެވެ.

އެގޮތުން ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ޗެއާމަންކަމުން، އަހުމަދު ވާސިފް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ކްލަބްގެ ޗެއަރމަންގެ މަގާމަށް މީހަކު ހޮވުމަށާއި ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިމަހުގެ 20ގައި އައު ކޮންގްރެސްއެއް ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.

މިކޮންގުރެސްގައި ކުލަބުގެ އަސާސީގަވާއިދަށް ބައެއް ބަދަލުތައް ގެނައުމާއި ކުލަބުގެ އައު ހިންގާކޮމެޓީ އެކުލަވާލާނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިއުރޭޑިއަންޓްގެ މިފަހަރުގެ ހިންގާކޮމެޓީގައި ޗެއަރމަންގެ އިތުރުން ސީނިއަރ ވައިސް ޗެރމަނުންގެ ގޮތުގައި 2 ބޭފުޅަކު ހޮވުމާއި އަދި އިތުރު 2 ވައިސް ޗެއަރމަނުން ހޮވުން އޮންނާނެއެވެ.

ކްލަބްގެ ޗެއަރމަނަކަށް ވަޑައިގަންނަވާނީ ރީޖަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި ނިއުރޭޑިއަންޓްގެ ވަރުގަދަ ސަޕޯޓަރ އަހުމަދު މުބީނެވެ. އަދި ކްލަބްގެ ސީނިއަރ ވައިސް ޗެއަރމަން ކަމަށް ކުރިމަތި ލައްވާނެކަމަށް ބެލެވެނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި މިހާރު ވެސް ނިއުގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ޢަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތަކާއެކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހަފުލާގައި ނިއުގެ ކާމިޔާބީތަކުގައި ޝާމިލްވި ކުރީގެ ގިނަ ތަރިންނާއި ކުރީގެ ގިނަ މޫނުތައްވެސް ފެނިގެންދާނެއެވެ. ދަރުބާރުގޭގައި ބާއްވާ މިކޮންގުރެސް ޓީވީއެމް އިން ލައިވް ކުރާނެ ކަމަށް ނިއުގެ އޮފިޝަލަކު “ރަސް އޮންލައިނަށް” މަޢުލޫމާތު ދެއްވިއެވެ.

ނިއު ދެވަނަ ޑިވިޝަނަށް ވެއްޓުނީ، އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން 2019 ވަނަ އަހަރުގެ ކުރީކޮޅު ކްލަބް ސަސްޕެންޑް ކުރުމުންނެވެ. އެކަމަކު، ނިއު އިން އޭރު ވެސް ބުނަމުން ދިޔައީ އެ ކްލަބަށް އަދަބު ދިނީ، އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްސްކޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޕެޓިޝަނެއް ހެދުމުން ކަމަށެވެ.

ނިއުރޭޑިއަންޓުގެ ކާމިޔާބު ފުޓުބޯޅަ ތާރީޚުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް އެޓީމަކީ "ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު"ކަން ސާބިތުކޮށްދީފައެވެ.

ނިއުރޭޑިއަންޓްގެ ކާމިޔާބީތަކަށް ބަލާއިރު އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށިވެސް ނިއުރޭޑިއަންޓުން ވަނީ މިލްކުކޮށްފައެވެ. ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފައިވާއިރު އެޓީމުގެ ހަރުގަނޑުގައި އަންހެނުންނަށް ޚާއްސަކޮށް އެފްއޭއެމުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ 2 ތަށިވެސް އެބަ ހުއްޓެވެ.

ހަމައެއާއެކު ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި އެންމެ ދުރަށް ދަތުރުކުރި ޓީމަކީވެސް ނިއުރޭޑިއަންޓެެވެ. އެގޮތުން ނިއުވަނީ އޭއެފްސީ ކަޕްގައި ސެމީއަށް ދަތުރުކޮށް އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެެ.

ނިއު އަކީ ފުޓުބޯޅައިގެ ވަރުގަދަ ތާރިޚެއް އޮތް ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ނަމެއް ނޫނެވެެ. މިހާރު ދިވެހި ފުޓުބޯޅައިގެ ދިރުން ނެތީ ނިއުރޭޑިއަންޓް ވުޖޫދުގައި ނެތުމުން ކަމަށް ފުޓުބޯޅައިގެ މުޅި އާއިލާ ގަބޫލުކުރެއެވެ. ގައުމީ ތަށި 2 ފަހަރު މިލްކުކޮށް އެއްއަހަރުގެ މުޅި ސީޒަން ކާމިޔާބުކޮށްފައިވާ ނިއުގެ ސަޕޯޓަރުންނަކީ އެ ޓީމުގެ ވިންދެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން