ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހަށް ހުށައަޅާފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

އެމްޖޭއޭ އިން މިހެން ބުނެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެމްޖޭއޭއިން މިއަދު ބުނީ އެޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ އުސޫލަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކަށް ބުރަވާ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލަކީ އެއުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް އެމްޖޭއޭ އިން ބުނެފައިވެއެވެ.

އެމްޖޭއޭ އިން ބުނީ މިބިލް އެކުލަވާލުމުގައި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައިނުވާ ކަމަށެވެ. އަދި އެ ބިލްގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާގެ ތެރެއަށްވަދެ، މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ދާނެ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެގޮތުން އަލަށް އުފައްދާ ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު، އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސް އައްޔަން ކުރަށްވާ މަޤާމެއްކަން އެމްޖޭއޭ އިން ފާހަގަ ކޮށްފައިވެއެވެ. ހަމައެއާއެކު ⁠ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ރައީސްގެ ފަރާތުން އައްޔަން ކުރާ މެންބަރުން ކަމާއި އެއީ ކޮމިޝަންގެ މެޖޯރިޓީ ކޮންޓްރޯލް ކުރާނެ ޢަދަދެއްކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައި ވާއިރު، ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްކަން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.

އެމްޖޭއޭއިން ބުނީ ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް ކަމަށާއި މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާތަކުގެ އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތެއްގެ މަތިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން