ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތް
މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ޑި މާލެއަށް ވަދެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ މިޢަމަލު ހިންގާފައިވަނީ 2024 އޮކްޓޯބަރު 27ގެ ހަވީރު 05:53 ގައި ކަމަށެވެ. އަދި މިއީ މާލޭގައި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްގައި ހިންގާފައިވާ ޢަމަލެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 3 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އެއީ މަރުތޭލައެއް ބޭނުންކޮށްގެން ކެފޭގެ ތަކެއްޗަށް ގެއްލުންދިނުމުގައި ހަރަކާތްތެރިވި 2 މީހުންނާއި، އެ ތަން ވީޑިއޯކުރި މީހާއެވެ.

މި ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި އެކަކީ 18 އަހަރު ނުވާ ކުޑަކުއްޖެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަނެކަކީ 18 އަހަރުގެ މީހެކެވެ. އަދި ވީޑިއޯ ކުރުމުގައި އެހީވީ 21 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މިޢަމަލު ހިންގާފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި ޙަމަލާދިން މީހުން ތިބީ ޑަބަލްކޮށް އަންނައުނުލައި ހެލްމެޓާއި ސާޖިކަލް މާސްކް އަޅައި މޫނު ނިވާކޮށްގެން ކަމަށެވެ.

އެމީހުން ކެފޭއަށް ދިން ގެއްލުންތަކުގެ ތެރޭގައި ކޭޝް ކައުންޓަރުގެ ސޭފްޓީ ބިއްލޫރިގަނޑު ތަޅާލުމާއި، ހެދިކާ ޑިސްޕްލޭ ކުރުމަށް ބަހައްޓާފައި ހުރި ޝޯކޭސްގެ ބިއްލޫރިތައް ތަޅާލައި ކެފޭގައި ބޭނުންކުރާ އެހެނިހެން ތަކެއްޗަށްވެސް ގެއްލުންދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ހަމަލާ ދިނުމަށްފަހު، އެޢަމަލު ހިންގުމަށް އެމީހުން ބޭނުންކުރި ތަކެއްޗާއި ހެލްމެޓް ހަދަމުންދިޔަ ޢިމާރާތެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ފުލުހުންގެ ތަޙުޤީޤު ޓީމުން އެ ތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން މިއަދު ވަނީމަޢުލޫމާތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން