ޝާން މުހައްމަދު   14 ނޮވެމްބަރު 2024 - 18:23
ހުޅުމާލެއިން އަށް ބިން ވިއްކަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ބީޗް ސައިޑާއި ބީޗް ފްރަންޓުން ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް އަށް ބިން ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

 

ބީލަމުގެ އުސޫލުން ދޫކުރާ މި އަށް ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ ދެ ބިމަކާއި ބީޗް ސައިޑުން ދޫކުރާ ހަ ބިމެކެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.

މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ސާފުކުރެއްވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން