ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި ބޮޑުވަޒީރު މޯދީ (ވ).
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި ބޮޑުވަޒީރު މޯދީ (ވ).
އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު އިންޑިއާ އެގްޒިމް ބޭންކްގެ ވެބްސައިޓްގައި ފެންނަން ހުންނާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ، އިންޑިއާއިން ރާއްޖެއަށް ލޯނު ދެނީ އަޑިނޭނގޭ ނުރައްކާތެރި ކަންތައްތަކެއް އެކުލެވޭ ގޮތަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 60 ގައުމަކަށް އިންޑިއާއިން ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދީފައިވާ ކަމަށާއި، އަދި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާއިން ފޯރުކޮށްދޭ އެހީ ބިނާވެފައިވަނީ "ޓްރާންސްޕޭރަންސީ، ޕާޓްނާޝިޕް އަދި ކޮލިޓީ" ފަދަ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓްތަކެއްގައި ވަނީ ބުނެފައެވެ.

ހައިކޮމިޝަނުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 2018 ވަނަ އަހަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އިއުލާނުކުރެވުނު 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑު ހަތް މަޝްރޫއަކަށް ފައިނޭންސް ކުރެވެމުން ދާކަމަށެވެ. އަދި ތަރައްގީގެ ބައިވެރިންނަށް އެހީގެ ޓާމްސްތައް ސާފުވުން މުހިންމު ކަމަށާއި އެގޮތުން އެގްޒިމް ބޭންކުގެ ވެބްސައިޓުގައި ޓާމްސްތަކާއި އެހެނިހެން މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޕްރޮޖެކްޓް ލޯނެއްގައިވެސް ފަސް އަހަރުގެ މޮރިޓޯރިއަމްއެއް ހިމެނޭނެ ކަމަށާއި ލޯނު އަނބުރާ ދައްކަން ޖެހޭނީ 20 އަހަރުގެ ތެރޭގައި ކަމަށް ހައިކޮމިޝަނުން ހާމަކޮށްފައިވެއެވެ.



އެލްއޯސީގެ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބޭ ކަމަށާއި އެ މައުލޫމާތުވެސް އެގްޒިމް ބޭންކުގެ ވެބްސައިޓުގައި ހުންނާނެ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

"މި ފުރުސަތުގެ ފައިދާ ދިވެހި ވިޔަފާރިތަކަށާއި އިގްތިސާދަށްވެސް ކުރާނެއެވެ. ދެގައުމުން ބައިވެރިވާ ޓެންޑަރިން މަރުހަލާގެ ތެރެއިން މަޝްރޫއުގެ މަސައްކަތަށް ހޮވެނީ އެންމެ ފެންވަރު ރަނގަޅު ކުންފުނިތަކެވެ. އަދި ދެގައުމު ބައިވެރިވެގެން ކުރެވޭ މަސައްކަތުގެ ސަބަބުން ދެފަރާތުގައިވެސް ކެޕޭސިޓީ ބިނާކުރުމަށް މަގުފަހިވެއެވެ." ހައިކޮމިޝަންގެ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން، އިންޑިއާގެ އެލްއޯސީގެ ދަށުން ހިންގޭ ހުރިހާ މަޝްރޫއުއެއްގެ ޓެންޑާ ކަރުދާސްތައް ތައްޔާރުކުރެވެނީ ދިވެހި ސަރުކާރާއި އެކުގައި ކަމަށާއި، އެގޮތުން އެލްއޯސީގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހިންގާ 80 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ޓެންޑާ ކަރުދާސްތައް ތައްޔާރުކުރުމުގައި ޕްލޭނިން މިނިސްޓްރީގެ ބައިވެރިވުން ފާހަގަކޮށް، އެމްބަސީއިން ބުނީ އެ މަޝްރޫއަކީ ދިވެހި ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުއަކަށްވާތީ، މަޝްރޫއުގެ ހަމަތައް ނިންމަނީ ދިވެހި ސަރުކާރުން ކަމަށެވެ.

އެލްއޯސީގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހިންގާ 80 މިލިއަން ޑޮލަރުގެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެކަމަށް ހައިކޮމިޝަނުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހަސަން މޮހަދު

28-Aug-2020

މިސަރުކާރުން ފުއްމާލީ ދުނިޔޭގެ އެެއްމެ ކުރިނާރާ މަސައްކަށް ކުރުމުގެ ފެންވަރުވެސް އެއްމެ ދަށް ގައުމުގެ ޖީބަށް 😂 ކުރީސަރުކާރުން ފުއްމާލީ ދަުނިޔޭގެ އެއްމެ ކުރިއަރާ ފައިވާގައުމު އަދި މަސައްކަތުގެ ފެންވަރުގެ ގޮތުންވެސް އެއްވަނަ ގައުމު ޗައިނާ ޖީބަށް



ޓްރެންޑިން