ޒާތީ މައްސަލަތައް އިސްކޮށް ކައުންސިލްތައް ހިންގަން ތިބޭ ފަރާތްތަކުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރ ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު، މުޙައްމަދު ފަޒީން މާލޭ ސިޓީ ކައުންސިލަށް ހުށައަޅުއްވާފައި ވާތީ އެކަމާ ގުޅިގެން ރައީސް ޞާލިޙްގެ ކޮއްކޯފުޅު އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވަނީ ނުރުހުން ފާޅުކުރަށްވާފައެވެ.

ޢަލީ ނިޔާޒް ވިދާޅުވީ، ޒާތީ މައްސަލަތައް އިސްކޮށް ކައުންސިލްތައް ހިންގަން ތިބޭ ފަރާތްތަކާމެދު އިތުބާރުނެތްކަމަށް ވޯޓް ނެގުން ބަލައި ނުގަންނަ ކަމަށެވެ. އަދި ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެންނަ 8 ވަނަ އިސްލާހާއެކު އެކަމަށް ނިމުން އަންްނާނެ ކަމަށާއި، ކޯވިޑް-19ގެ އުނދަގޫ ދުވަސްވަރު މާލޭ ސިޓީ ކައުންސިލް ފެނުނީ ވަރަށް ޙަރަކާތްތެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރަށްވާ ޢަލީ ނިޔާޒް ވިދާޅުވިއެވެ.



ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށައެޅުއްވި މެމްބަރު، ފަޒީން ވިދާޅުވެފައި ވަނީ އެހެން ކައުންސިލަރުންގެ ތާއީދާ އެކު މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާ ހުށަހެޅުއްވީ 39 މައްސަލައެއް ފާހަގަކޮށް ކަމަށެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގުމެވެ.

މި މައްސަލާގައި ޝިފާ ވިދާޅުވެފައިވަނީ، އިތުބާރުނެތް ކަަމުގެ މައްސަލާގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކައުންސިލަށް ކުރިމަތިލާން ވާނީ ޚިދުމަތެއް ކޮށްދޭން ކަމަށާއި އަމިއްލަ މަންފާ އާއި ފައިދާ ހޯދުމަށް ނޫން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން ކަންބޮޑުވެގެން އުޅޭ އެންމެ ކަމެއް ވެސް ނުހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލްގެ 9 މެމްބަރުން ވަނީ ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދު ކުރައްވައިފަ އެވެ. އަދި މައްސަލައަށް ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ޝިފާ އަށް ދިނުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު