ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަމިއްލަ ފަރާތްތަކުން 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިކަން މީސްމީޑިއާގައި ހާމަކުރަށްވާފައިވާއިރު އެޗްޑީސީން ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ އެކި ބިންތަކަށް ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ ތަފްސީލު ހޯދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިމަހުގެ ހަވަނަ ދުވަހު ވަނީ ހުށައަޅާފައެވެ. އަދި އެލިސްޓު އެ ކުންފުނިން މިހާރު ވަނީ ކޮމިޓީއަށް ޙިއްސާ ކޮށްފައެވެ.

އެލިސްޓުގެ އެއް ޞަފްހާ މީޑިއާގައި ޙިއްސާ ކުރަށްވަމުން މެންބަރު އަޒާން ވިދާޅުވީ އެޗްޑީސީއަށް ބިމުކުލި ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ބައެއް ބޮޑެތި ވިޔަފާރިތައް ހިމެނުމަކީ ހިތާމަ ކުރަށްވާ ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށްވެސް އަޒާން ވިދާޅުވެފައިވެއެވެ.



މި މައްސަލާގައި އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އަޒާން ވިދާޅުވީ ބޮޑު އަދަދުން ފައިސާ ނުދައްކައި ގިނަ ދުވަސްވެފައިވާ ބައެއް ފަރާތްތަކަށް އެޗްޑީސީން އިތުރު މުއްދަތު ދީފައިވަނީ ކޮން އުސޫލަކުންކަން ސާފުވާން ޖެހޭ ކަމަށެވެ.

"އެއްބަޔަކަށް ދީފަ އަނެއް ބަޔަކަށް ނުދީ. ޤަވާއިދުން ކުލި ނުދައްކާ ފަރާތްތަކަށް ޕޭމަންޓް އެކްސްޓެންޝަނެއް ދޭން ޖެހޭ ސަބަބެއް ވެސް ނެތް." އިއްޔެގެ ކޮމިޓީގައި އަޒާން ވިދާޅުވިއެވެ.

އަޒާން މިހެން ވިދާޅުވެފައިވާއިރު އެޗްޑީސީން އިއްޔެ މަޖިލީހަށް ޙިއްސާކުރި ލިޔެކިޔުންތަކުން ދައްކާގޮތުން އެކި ވިޔަފާރިތަކަށް އެޗްޑީސީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ކުލީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. އަދި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކަށް ދައްކަންޖެހޭ 169 މިލިއަން ރުފިޔާ ހުރިކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެކޮމިޓީގައި އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުލި ނުދައްކާ ހުރި ކުންފުނިތަކުން ކުލި ހޯދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކާއި، އެއްބަސްވުންތައް ބާތިލުކުރުމުން ހުސްވާ ބިންތަކާމެދު އަމަލުކުރާނެ ގޮތް އޮޅުންފިލުވުމަށް ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ކޮމިޓީން މިގޮތަށް ނިންމާފައިވާއިރު ބިމުކުލީގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ މި މަހުގެ 30 ގެ ނިޔަލަށް ދައްކާ ޚަލާސް ކުރުމަށް އެކުންފުނިން ވަނީ ޢާއްމު އިޢުލާނެއްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން