ފުރްޤާން މިސްކިތަށް ގެއްލުންދިން މީހާ
ފުރްޤާން މިސްކިތަށް ގެއްލުންދިން މީހާ
ފުރްޤާން މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ފުރްޤާން މިސްކިތަށް ގެއްލުންދިން މައްސަލައާ ގުޅިގެން ގ. މާލެހިޔާ 2-02-13 ޢުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުރްޤާން މިސްކިތަށް ގެއްލުންތަކެއް ދީފައިވާތީ އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައިވަނީ ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ޢަލީ އެވެ.

އެގޮތުން އެޢަމަލު ހިންގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިސް ނަމާދު ކުރިން ކަމަށާއި ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލާފައިވާ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

އޭގެ އިތުރުން މިސްކިތުގެ އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައިވާ ކަމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

ޝައިޚް ވިދާޅުވީ މިކަން ކޮށްފައިވަނީ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ކުރިން އެތައް ފަހަރަކުވެސް އޭނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މިސްކިތުގައި ކޮށްފައި ކަމަށް ޝައިޚް ވިދާޅުވިއެވެ.

“މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ. އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީހެއްޔެވެ؟ މިއީ އިންތިހާއަށް ހިތާމަހުރި ކަންކަމެވެ.” ޝައިޚް ނިޝާން ވިދާޅުވެފައިވެއެވެ.

ޝައިޚް ނިޝާން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުން ފަތިސް ނަމާދުގެ ފަހުން މިސްކިތަށް ވަޑައިގެން މަޢުލޫމާތު އޮޅުން ފިލުވައި އަދި ފޮރެންސިކް ޑިޕާޓްމެންޓްގެ ބޭފުޅުން ވަޑައިގެން ފޮޓޯ ނަންގަވާ ހައްދަވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން