ސްޕޯޓްސް ކާރު އެކްސިޑެންޓް
ސްޕޯޓްސް ކާރު އެކްސިޑެންޓް
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

މި މައްސަލާގައި ދަޢުލަތުން ދައުވާކުރަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާންއާއި، މ. ލޭންޑް އޮފް ގާރޑްން އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާޢިލްގެ މައްޗަށެވެ.

މިއަދުގެ އަޑުއެހުމުގައި ކާރު ދުއްވަންއިން އިބްރާހިމް އިކްރާމްގެ ވަކީލް ވިދާޅުވީ އިކްރާމް ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ބޭނުންވެ އެކަން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އިކްރާމްގެ މައްޗަށް ކުރާ ހަ ދައުވާއަށް ވެސް އޭނާ އިއުތިރާފުވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

އެކަމާމެދު ދައުލަތުގެ ވަކީލް މިއަދު ވިދާޅުވީ އިކްރާމްގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އަދި އިޢުތިރާފްގެ އެއްބަސްވުމެއް ހެދުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަ ދައުވާއަކީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

އިބްރާހިމް އިކްރާމް ދަޢުވާތަކަށް އިޢުތިރާފްވީ ނަމަަވެސް މައްސަލާގައި ދަޢުވާ އުފުލާފައިވާ އިކްރާމުއްރަހުމާނާއި ޖިނާހު އިސްމާޢީލު ވަނީ ދަޢުވާތަކަށް އިންކާރު ކޮށްފައެވެ.

އެގޮތުން އިކްރާމުއްރަޙްމާންގެ ވަކީލް މިއަދު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވީ ދަޢުލަތުން ކޮށްފައިވާ ދަޢުވާތަކަށް އިކްރާމުއްރަޙްމާން އިންކާރު ކުރާ ކަމަށާއި ދަޢުވާގައި ބުނާ ކަންތައްތައް އޭނާ ކޮށްފައި ނުވާ ކަމަށެވެ. އޭގެއިތުރުން އިކްރާމުއްރަހުމާން ކާރަށް އެރީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން ޖެހިގެން ފަސިންޖަރެއް ގޮތުގައިކަން ޖިނާހު ތަހުގީގަށް ދިން ބަޔާނުން އެނގޭ ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

ހަމައެއާއެކު އެކްސިޑެންޓްވި ތަނުގައި ތިބި ފުލުހުންތަކަކަށް އިކްރާމުއްރަހުމާން ޙާދިސާގެ ރިޕޯޓް ކުރިކަމަށާއި އަދި އޭނާގެ މަންމަ ވަރަށް ބަލިކޮށް އުޅޭތީ މިވަގުތު ބަންދުން ދޫކޮށްދިނުމަށް ޝަރީޢަތުގެ ކިބައިން ވަކީލު އެދިވަޑައިގެންފައިވެއެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ޤާޟީ ޢަލީ ނަދީމް ވަނީ އިކްރާމުއްރަޙްމާން ބަންދުގައި މިވަގުތު ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެ އޭނާ މިނިވަން ކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ އިކްރާމުއްރަހްމާންގެ މައްޗަށް ދަޢުލަތުން ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.

މި މައްސަލާގައި ދަޢުވާލިބޭ ޖިނާހު އިސްމާޢީލްގެ ވަކީލް މިއަދު ޝަރީޢަތުގައި ވިދާޅުވެފައިވަނީ ދަޢުލަތުން ކޮށްފައިވާ ދަޢުވާތަކަށް ޖިނާޙް އިންކާރު ކުރާ ކަމަށާއި އެކްސިޑެންޓުވުމުން ސީން ދޫކޮށް ނުގޮސް ފުލުހުންނަށް ޖިނާހް އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އޭގެއިތުރުން ޖިނާހް އެތަނުން ދިޔައީ ފުލުހުންނާއި ވާހަކަ ދައްކައި ފުލުހުން ހުއްދަ ދިނުމުން ކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޭސްފަރުވާއަށްދާ ހަރަދާއި މުދަލަށް ލިބުނު ގެއްލުމަށް އޭނާ ޒިންމާވާނެ ކަންވެސް ބަޔާންކޮށްފައިވާނެ ކަމަށް ޖިނާހުގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލާގައި ޖިނާހުގެ މައްޗަށް ދަޢުލަތުން ކުރަނީ ހަތަރު ދައުވާ އެކެވެ. އެއީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.

ދައުވާތަކަށް އިކްރާމާއި ޖިނާހު އިންކާރު ކުރުމުން ދައުލަތުން ވަނީ އެމީހުންނާ ދެކޮޅަށް ހެކި ހާމަކޮށްފައެވެ. އަދި އަނިޔާވި މީހާ ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިޔުމަށް ހަރަދުވި 4،000 ރުފިޔާ އާއި ބޭސްފަރުވާއަށް ކުރަން ޖެހިފައިވާ ހަރަދު ތިން މީހުންގެ އަތުން ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ވިނަރެސް ފުލެޓުތައް ކައިރީގައި އެ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގައި ކާރުން ޖެހުނު މީހާ ވިއްސައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން