އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރަން ޗައިނާ ކުންފުންޏަކަށް ދިނުމަަށް އެގްރިމެންޓްގައި ސޮއިކުރުން -- ފޮޓޯ/ އެސްޓީއޯ
އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރަން ޗައިނާ ކުންފުންޏަކަށް ދިނުމަަށް އެގްރިމެންޓްގައި ސޮއިކުރުން -- ފޮޓޯ/ އެސްޓީއޯ
ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރުމަށް ޗައިނާއަށް ޙަވާލުކުރި މަޝްރޫޢު ރަސްމާލެއަށް ބަދަލު ކޮށްފިއެވެ.

އުތުރުތިލަފަޅުގައި ދަނޑު ހެއްދުމުގެ މި މަސައްކަތް މިއަހަރުގެ މާޗް 28 ވަނަ ދުވަހު އެސްޓީއޯއިން ޙަވާލު ކޮށްފައިވަނީ ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑަށެވެ.

ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ހިންގަން މަސައްކަތްކުރި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢު މިހާރު ފުށިދިއްގަރު ފަޅަށް ބަދަލު ކޮށްފައިވާ ކަަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ފީސިބިލިޓީ އާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓާއި ޕްލޭނިން މަސައްކަތްތައް ކަމަށް ޝިމާދު ވިދާޅުވިއެވެ.

މި އެއްބަސްވުން ވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބޭނެ މުހިންމު ކުރިއެރުމަކަށް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) ޕލކ އިން ހާމަކޮށްފައިވެއެވެ. މިޑް ފްރީ ޒޯން ކުންފުންޏަކީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެކުވެގެން އެކުލަވާލި ކުންފުންޏެކެވެ.

އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އާއި ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު ސޮއި ކޮށްފައިވާ މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި؛ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާންސްޓްރަކްޗަރ ތަރައްގީ ކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ހެދުމާއި، އަދި ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލްތައް ގާއިމު ކުރުމުގެ އިތުރުން ތަރުކާރީއާއި މޭވާ އުފެއްދުމުގެ ބޭސްއެއް ގާއިމުކުރުން ހިމެނެއެވެ.

ހަމަ މި އެއްބަސްވުމުގެ ދަށުން އެގްރިކަލްޗަރަލް ޓެލެންޓް ބޭސްއެއް ގާއިމުކުރުމާއި، އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލޮޖިސްޓިކް ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމު ކުރުން ހިމެނެއެވެ.

ސަރުކާރުން ރަސްމާލޭގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢެއް ފަށަން ނިންމާފައިވަނީ ރާއްޖެއަށް އެތެރެކުރާ ދަނޑުވެރިކަމާގުޅޭ ކާބޯތަކެތީގެ މިންވަރު މަދުކުރުމަށާއި ސްޓޭޕްލް ފުޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން