އޮޕަރޭޝަންތައް ހިންގުމަށް ބޭނުންކުރާ ސާމާނުތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އަށް ހަދިޔާކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ސިފައިންނަށް ހަދިޔާކުރީ ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކާއަކާއި، އުސް އިމާރާތްތަކުގެ އަލިފާން ނިއްވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ކަމަށެވެ.

“މިއަދު ހަދިޔާ ކުރި އަލިފާން ނިއްވުމަށް ބޭނުން ކުރާ ޑްރޯން އަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިފައިވާ ޑްރޯންއެއް. އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާރމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ޤާބިލްކަން ލިބިފައިވާ ވަޞީލަތެއް.” ސްޓެލްކޯއިން ބުނެފައިވެއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޙުސައިން ފަޙުމީ އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް އާއި ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން