ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން އެ މަސައްކަތް ފަށަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ހަދަން ފަށައި ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު ސަރަހައްދު އަލުން ތަރައްގީކުރަން ނިންމައި އެ މަސައްކަތް ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ވޯޓާ ތީމް ޕާކަކާ އެކު ކުޑަކުދިން ކުޅޭ ސަރަހައްދެއްވެސް ތަރައްގީކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރު މި މަސައްކަތް ހިންގަން ހަވާލުކުރީ ވޯޓާ ފްރޮންޓު ކިޔާ ކުންފުންޏަކާއެވެ. އެގޮތުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2018-2019 ހިސާބުގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަޝްރޫއު އޮތީ ކުރިއަށް ނުގެންދެވި ހުއްޓިފަ އެވެ.

އެމްޑީ ފަޒުލް ވިދާޅުވީ ތީމްޕާކްގެ އީއައިއޭ ޕްރޮސެސް މިހާރު ކުރިއަށްދާ ކަމަށާއި މި ސަރަހައްދު ޕްލޭންކޮށް ޑިޒައިންކުރުމުގެ މަސައްކަތް ސްރީ ލަންކާގެ ބަޔަކާ އެކު ކުރިއަށް ގެންދަން އެމްއޯޔޫއެއްގައި ސޮއިކޮށް މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން