ޓެކްސީ ޑްރައިވަރ މިސްބާހު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން
ޓެކްސީ ޑްރައިވަރ މިސްބާހު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން
ކޯޓު އަމުރެއްގެ ދަށުން ޓެކްސީ ޑްރައިވަރު މިސްބާހު ޝަރީފް ހައްޔަރު ކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން މިސްބާހު އިއްޔެ ހައްޔަރުކުރީ ބުދަ ދުވަހުގެރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިޙްތިޖާޖާއި ގުޅިގެން ކަމަށެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އެ އިޙްތިޖާޖުގައި ޢާއްމު ދަތުރުފަތުރަށް ހުރަސްއަޅައި މަގު ބްލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން އޭނާވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

މިސްބާހަކީ ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިންތިޒާމް ސެކެޓްރީއެވެ.

ހުޅުމާލެއިން މާލެއަށް އަންނަން އޮންނަ ހައިވޭ ބަންދުކޮށް ޢާއްމުންނަށް ދަތިކުރި މައްސަލާގައި ބުދަ ދުވަހުގެރޭ ހައްޔަރުކުރި ތިން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިފައެވެ.

އެރޭގެ މުޒާހަރާއާ ގުޅިގެން 3 ޑްރައިވަރުން ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް ދެ ޑްރައިވަރުންނަށް ބަންދުގެ މުއްދަތު ކޯޓުން ޖެހީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެއެވެ.

ބުދަ ދުވަހުގެ ހަވީރުން ފެށިގެން ޓެކްސީ ޑްރައިވަރުން ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދަށް އެއްވެ ކުރި މުޒާހަރާގައި ހުޅުމާލެ ނިރޮޅުމަގު ކޮޅުގައި ކާރުތައް ޕާކުކޮށް އެ މަގު ބަންދު ކުރީ އެރޭ 9:00 ހާއިރު އެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ސަރަޙައްދުގެ މަގު ބަންދު ކުރުމަށް ބޭނުންކުރި ޓެކްސީތައް ޓޯކޮށް ޢާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް މަގު ހުޅުވާލާފައެވެ.

އެގޮތުން ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ދުއްވާތަކެއްޗަށް ދަތިވާގޮތަށް ޕާކުކޮށްފައި އޮތް ވިއްސަކަށް ޓެކްސީ ފުލުހުން ޓޯކޮށްފައިވެއެވެ.

ޓެކްސީ ޑްރައިވަރުންގެ އިޙްތިޖާޖުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ޙަވާލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް އިޙްތިޖާޖުގައި ޓެކްސީ ޑްރައިވަރުން ގޮވާލާފައިވެއެވެ.

ހަމައެއާއެކު މި އިހުތިޖާޖުގައި ޑްރައިވަރުން ވަނީ ވޭނުގެ ދަތުރުގެ އަގުތައް ކުރިން އޮތްގޮތަށް ބަދަލުކުރުމަށާއި މާލެ އާއި އެއާޕޯޓުގެ ޓްރެފިކް ފްލޯ ފަސޭހަވާނެ ގޮތަށް ހެދުމަށާއި ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އަލުން ހުޅުވައިލުމަށްވެސް ގޮވާލާފައެވެ. އޭގެއިތުރުން ޕާކިން ބިލްޑިންތައް ކޮބައިތޯ އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތާމެދު ސުވާލު އުފައްދާ ޓެކްސީ ޑްރައިވަރުން ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ.

މީގެކުރިން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ ސަރުކާރުން ޓެކްސީ ކުރުމުގެ ޚިދުމަތް ފަށައިފިނަމަ އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށްވެސް ކުރާނެ ކަމަށެވެ.

އަދި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ވީއެންމެ އަވަހަކަށް ބައްދަލު ކުރުމަށް އެދިފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރި ބައްދަލުވުން ކެންސަލް ކޮށްލާފައިވާ ކަމަށްވެސް އެޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަަށަން ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިއަހަރުގެ ޖުލައި 25 ގައެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓް 4 ގައި ސަރުކާރުގެ ނިންމުން ބަދަލުކުރިއެވެ.

އެއަށްފަހު ޓެކްސީގެ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން