ޖަޕާނު ސަރުކާރުން ދިވެހި އަސްކަރިއްޔާ، އެމްއެންޑީއެފްގެ ކޯސްޓްގާޑަށް މީހުން ހޯދުމުގައި ބޭނުންކުރާ ޒަމާނީ އާލަތްތަކެއް ހަދިޔާކޮށްފިއެވެ.

ކަނޑުމަތީގެ އޮޕަރޭޝަންތައް ހަރުދަނާކުރަން ޖަޕާނުން ކޯސްޓްގާޑަށް ހަދިޔާކުރީ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެކެވެ.

މިއަދު ބަންޑާރަކޮށީގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން އެ އާލާތްތައް އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ތަކެއުޗީ މިދޯރީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިފާޢީ ވަޒީރު، ޣައްސާން ވަނީ ޖަޕާނު ސަރުކާރަކީ ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުން އެމްއެންޑީއެފަށް އެތަކެތި ހަދިޔާކޮށްފައިވާތީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އާލާތްތަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ފޯރުކޮށްދޭ ޚިދުމަތްތައް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގުނަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިއަދު ލިބުނު އާލާތްތަކުގެ ސަބަބުން، އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލިއްޔަތުކަން އިތުރުވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން