ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުން--
ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުން--
ހުޅުމާލެއިން މާލެއަށް އަންނަން އޮންނަ ހައިވޭ ބަންދުކޮށް ޢާއްމުންނަށް ދަތިކުރި މައްސަލާގައި ހައްޔަރުކޮށް ބަންދުކުރި ދެ ޓެކްސީ ޑްރައިވަރުން އެންމެ ފަހުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ތިން ޓެކްސީ ޑްރައިވަރަކު ހައްޔަރުކުރި އެވެ. ނަމަވެސް އެކަކު ޝަރުުތުތަކާ އެކު ދޫކޮށްލި އެވެ.

އަދި ހައްޔަރުކުރި އަނެއް ދެ ޓެކްސީ ޑްރައިވަރުން ކަމަށްވާ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން، 33 ފަސް ދުވަހަށް ބަންދުކުރި އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމާއެކު ޝަރުތުތަކާއެކު ދެ މީހުން ވެސް ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މިދިޔަ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދަށް އެއްވެ ކުރި މުޒާހަރާގައި ހުޅުމާލެ ނިރޮޅުމަގު ކޮޅުގައި ކާރުތައް ޕާކުކޮށް އެ މަގު ބަންދު ކުރީ އެ ރޭގެ 9:00 ހާއިރު އެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ސަރަޙައްދުގެ މަގު ބަންދު ކުރުމަށް ބޭނުންކުރި ޓެކްސީތައް ޓޯކޮށް ޢާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް މަގު ހުޅުވާލާފައެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ޓެކްސީ ޑްރައިވަރުން ގޮވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން