ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
އައިއެސް ޖަމާޢަތުގެ ސެލްއެއް ރާއްޖޭގައި ހުރެގެން ހިންގާކަމަށް ތުހުމަތުކޮށް ދަޢުލަތުން ދަޢުވާ އުފުލާފައިވާ ހޫދު މުޙައްމަދު ޒާހިރު ބަންދުން ދޫކޮށްލާފައިވާ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ހޫދު ބަންދުން ދޫކޮށްލާފައިވާއިރު އޭނާގެ މައްޗަށް ދަޢުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް، މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު ހައްޔަރުކުރި ވ. ދެލްވައްތަ ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ 18 އެޕްރީލް 2022 ގައި ކަމަށެވެ.

ހޫދުގެ މައްޗަށް ދަޢުލަތުން ކުރަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމުގެ ތުހުމަތެވެ.

ހޫދު ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް އޭނާއަކީ ޓެރަރިސްޓް ޖަމާޢަތަކާ ގުޅުންއޮތް މީހެއް ނޫން ކަމަށާއި ކޮމްޕިއުޓަރ ސައިންސް އެނގޭ މީހެއް ނޫންކަމަށް ބުނެފައެވެ.

ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް 5 ދަޢުވާއެއް ކޮށްފައިވާއިރު މި ދަޢުވާތައް ސާބިތުވެއްޖެނަމަ އޭނާއަށް 53 އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

ޕީޖީ އޮފީހުން ހޫދަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ހިމެނޭ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ހަމައެއާއެކު އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާގެ އަދަބަކީވެސް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާގެ އަދަބަކީވެސް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އޭގެއިތުރުން ހޫދުގެ މައްޗަށްވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އެ ކުށުގެ އަދަބަކީ 03 އަހަރާއި 05 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އަދަބަކީ 01 އަހަރާއި 03 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެފްބީއައި އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައިއެސް ޖަމާއަތަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް ހޫދު ރާއްޖެއިން ހައްޔަރު ކޮށްފައިވަނީ 2022 ޖަނަވަރީ މަހުގެ 06 ވަނަ ދުވަހުއެވެ. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ހޫދަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށެވެ. އޭނާ ވަނީ ޔޫރަޕްގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުން މަރަން ގޮވާލާފައި ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން