ފުލުހުން އެއްގަމު އުޅަނދެއް ޓޯކުރަނީ
ފުލުހުން އެއްގަމު އުޅަނދެއް ޓޯކުރަނީ
މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ޓޯ ކުރަމުންދަނީ މާލޭގެ ކާރުބާރު ބޮޑު ބައެއް މަގުތައް ކަމަށްވާ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގާއި މަޖީދީ މަގާއި އޯކިޑް މަގާއި އަމީރު އަހުމަދު މަގުގެ އިތުރުން ސޯސަން މަގުގައި ހުރި އުޅަނދުތައް ކަމަށެވެ.

އަދި އެ އުޅަނދުތައް ޓޯ ކުރަމުން ދަނީ އާންމު ދަތުރުފަތުރަށާއި ޕަބްލިކް ޓްރާސްޕޯޓަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުރުމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ހަމައެއާއެކު ފުލުހުން ވަނީ މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުތައް ތަރުތީބު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންދޭ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.

ޤަވައިދާ ޚިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުރުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެދަށަށް އުޅަނޑުތައް ގެންދިއުމަކީ ފުލުހުން ޢާއްމުކޮށް ކުރާ މަސައްކަތެކެވެ.

އެގޮތުން މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރުން ފެށިގެން ފުުލުހުން ގެންދަނީ ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.

ޓޯކޮށްފައިވާ އުޅަނދުތަކާމެދު ފުލުހުން ޢާއްމުކޮށް ޢަމަލުކުރާ އުސޫލަކީ ވެހިކަލްގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އަނބުރާ ނުގެންދާ ވެހިކަލްތައް އެއްގައުމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ނައްތާލުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން