އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ބުނާ ވާހަކައަކީ ޙަޤީޤަތެއްކަމަށް ދައްކަން ފުލުހުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށް އިދިކޮޅު މައިޕާޓީ އެމްޑީން މިއަދު ހާމަކޮށްފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެޕާޓީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަޙްމަދު މައުރޫފް ވިދާޅުވީ މީގެ ކުރިން ފުލުހުން ޢަމަލު ކުރާ ގޮތަކީ ފުލުހުންގެ ތަހުގީގުގައި މީހަކު ބުނާހާ އެއްޗެއް ހާމަނުކުރުން ކަމަށެވެ.

އެހެން ނަމަވެސް ހުޅުމާލޭން ނުޤަވާއިދުން ގޯތިތަކެއް ދޫކޮށްފައިވާ މައްސަލާގައި ފޯޖު ލިޔުމެއް ތައްޔާރުކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތެއްގެ ބަޔާނަށް ބުރަދަންދޭފަދަ މޭރުމަކުން ފުލުހުން ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއްކަމަށް މައުރޫފް ވިދާޅުވެފައިވެއެވެ. އަދި ފުލުހުން އެގޮތަށް ވާހަކަދައްކާފައިވަނީ ތުހުމަތުތައް ވުޖޫދުވާން މެދުވެރިވި ލިޔެކިޔުމުގެ ފޮރެންސިކް ތަހުލީލުތައް ހެދުމެއް ނެތިކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

“ކަނޑައެޅިގެން ފޯޖުކޮށްގެން ރަސްމީ ލިޔުމެއް ކަމަށް ދައްކަން އަމިއްލައަށް ލިޔުމެއް ހުށަހަޅައިގެން ގޯއްޗެއް ހޯދި މީހަކު ދޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތު ކަމަށް ބަލައިގެން އެ މައުލޫމާތު ފުލުހުން ހާމަކުރުމަކީ އަމަލުކޮށްފައިވާ ގޮތެއް ނޫން.” މައުރޫފް ވިދާޅުވިއެވެ.

ހަމައެއާއެކު މައުރޫފް ވިދާޅުވީ ފުލުހުން ސިޔާސީ ވެފައިވާ މަންޒަރު ފެންނަކަމަށާއި އެ މައްސަލައިގައި ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކްރަމްގެ ނަން ހާމަކޮށްފައިވާއިރު މިހާތަނަށް ފުލުހުން އަކްރަމާއި ސުވާލެއްވެސް ކޮށްފައިނުވާ ކަމަށެވެ. އަދި އަކްރަމް ފުލުހުންނަށްދޭ މަޢުލޫމާތެއް ފުލުހުން ޢާއްމު ކުރާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް މައުރޫފް ވިދާޅުވެފައިވެއެވެ.

”އެރެއިން އެރެޔަށް އެއްޗެއް ބުނަން ޖެހިގެން ސިޔާސީގޮތުން ނޫސް ކޮންފަރެންސެއް ބާއްވާ އެ ވާހަކަތައް ދެއްކިކަމަށް އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ. އެހެންވީމާ މިކަމުގައި ފުލުހުން ދެން އިންސާފުވެރި ތަހުގީގެއް ހިންގަފާނެ ކަމަކަށް ގަބޫލުކުރާކަށް ބޭނުމެއް ނޫން.” މައުރޫފް ވިދާޅުވިއެވެ.



މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެޗްޑީސީގެ މައްސަލާގައި ފުލުހުން އަވަސް އަރުވާލައިގެން ނޫސް ކޮންފަރެންސެއް ބޭއްވުމުން އެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

“ސައުވީސް ގަޑިއިރު ތެރޭ ފުލުހުން ނިންމަވައިފި އެޗްޑީސީގެ އެމްޑީ ކުށެއް ނުކުރައްވާ ކަމަށް އަދި ތުހުމަތެއް ވެސް ނުކުރެވޭ ކަމަށް. އެހެން ނަމަވެސް އެ ކުންފުނީގެ ބޯޑު ބައްދަލުވުންތައް ޗެއާ ކުރެއްވި ޗެއާމަން އެބަ ވިދާޅުވޭ އެމްޑީގެ މަސްލަހަތު ހިމެނޭ އެތައް ކަމެއް އުސޫލާ ގަވާއިދާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަމަށް.” އަނަސް ވިދާޅުވިއެވެ.



އެޗްޑީސީން ސައްޙަ ނޫން ލިޔުންތަކެއްގެ މައްޗަށް ބުރަވެ ގޯތިތަކެއް ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭއިރު ގޯތި ލިބުނު ފަރާތަކާ ޙަވާލާދީ ފުލުހުން ބުނެފައިވަނީ އެލިޔުން ދޫކޮށްފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާ ބައްދަލުވެ ދެކެވުނު ވާހަކަތަކަކަށްފަހު ކަމަށެވެ.

ނަމަވެސް މިއަދުގެ ނޫސް ކޮންފަރެންސްގައި އަކްރަމްވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ.

“އެގްރީމެންޓް ކަމަށް ދެއްކުމަށްޓަކައި ތައްުޔާރުކުރި ލިޔުމުގެ ޑޮކިއުމެންޓާ މެދު ސުވާލު އުފެދުމުން ވެސް އެ ޑޮކިއުމެންޓްގެ ސައްހަކަން ކަށަވަރު ކުރަން ފޮރެންސިކް ތަހުލީލު ނަހަދައި ކުރީ ސަރުކާރުން ދޫކުރި ލިޔުމެއް ކަމަށް ބުނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން.” އަކްރަމް މިއަދު ވިދާޅުވިއެވެ.



އެމްޑީޕީން މިހެން ބުނެފައިވާއިރު މި މައްސަލާގައި ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް މީހުން ސައްހަ ނޫން ލިޔެކިޔުންތައް ހޯދައިގެން ގޯތި ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ތިން ސްލޮޓެއް ހޯދުމަށް ހުށައަޅާފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.

އެގޮތުން ބައެއް ލޮޓްތަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތް ހުށައަޅާފައިވާކަމަށާއި، އަދި އެކަމާއި ގުޅިގެން އެއީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ލިޔުންތަކަކީ ބިންވެރިޔާގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކެއްކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ހާމަވީ މައްސަލަ އުފެދިގެން އުޅޭ ލިޔެކިޔުންތައް ދޫކޮށްފައިވަނީ ކުރީ ސަރުކާރުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން