މެމްބަރު ޙަސަން ލަތީފް
މެމްބަރު ޙަސަން ލަތީފް
މާސްކް ނާޅުއްވައި މީހުން އެއްކޮށްގެން ވާހަކަ ދައްކަވާނަމަ ކުރީގެ ރައީސް ވަޙީދާވެސް ސުވާލު ކުރާނެ ކަމަށާއި، އެކަމުން ދޭހަވަނީ ރައީސް ޞާލިޙަކީ ގޮތްހުރި ބޭފުޅެއްކަން ކަމުގައި ވިދާޅުވެ އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ޑރ. ވަހީދަށް ރައްދު ދެއްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއާއި ގުޅިގެން ފުލުސް އޮފީހަށް ޙާޟިރު ކުރުމުން ފުލުސް އޮފީހުގައި ހަނު ހުންނެވުމަށްފަހު ނުކުމެ ވަޑައިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ވަނީ، ރައީސް ޞާލިޙަކީ "އެއްވެސް ގޮތެއް ފޮތެއް ނެތް" ބޭފުޅެއް ކަމަށް ވިދާޅުވެ، އާދައިގެ އެކްޓިވިސްޓެއްގެ ދަރަޖައަށް ވެއްޓިވަޑައިގެންފައެވެ.

ޑރ. ވަޙީދުގެ ވާހަކަފުޅާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، މާސްކް ނާޅުއްވައި މީހުން އެއްކޮށްގެން ކުޅު ބުރުއްވަމުން ވާހަކަ ދައްކަވަމުން ދުވެވަޑައިގަންނަވާނަމަ ރައީސް ވަހީދު ވިޔަސް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް ސުވާލު ކުރާނެ ކަމަށެވެ. އަދި އެއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރަށްވާ ޙިކުމަތްތެރި މަސައްކަތުގެ ބައެއް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"އެއީ ރައީސް ޞާލިޙްގެ ގޮތް ނެތް ކަމެއް ނޫން. އެއީ މި ބަލިމަޑުކަމުން ޤައުމު ސަލާމަތް ކުރުމަށް ރައީސް ޞާލިޙް ކުރަށްވާ ޙިކުމަތްތެރި މަސައްކަތުގެ ބައެއް." އުސްތާޒް ޙަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ޑރ. ވަޙީދު ބައިވެރިވެވަޑައިގެން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މާލޭގައި ބޭއްވި މުޒާހަރާއާއި ގުޅިގެން ރައީސް ޞާލިޙް ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި ދަޢުލަތުގެ އިސް ފަރާތްތަކެއް އިސްވެ ތިބެ މާލޭގައި އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާ ކުރުމުން ހިތާމަ ކުރައްވާ ކަމަށާއި، އެއީ ގައުމަށް ހެޔޮ އެދޭނެ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެޗްޕީއޭގެ އިރުޝާދުތަަކަށް ގޮން ޖައްސަވައި ކުރީގެ ރައީސް ވަހީދު ގައިގޯޅި މުޒާހަރާ އެއްގައި ބައިވެރިވެވަޑައިގެން، މާސްކު އެޅުއްވުމެއް ނެތި މުޒާހަރާގައި ތަޤްރީރު ކުރަށްވާފައިވާތީ ޑރ. ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައެވެ. އަދި އެ މުޒާހަރާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން