ރާއްޖޭން މިފަހަރު ޢުމްރާއަށް ދިޔަ ބައެއް މީހުން
ރާއްޖޭން މިފަހަރު ޢުމްރާއަށް ދިޔަ ބައެއް މީހުން
ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގައި 65 އަހަރުން މަތީގެ 1473 މީހުން އެބަތިބި ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިކަން ހާމަކުރެއްވީ ދަޢުލަތުގެ މީޑީއާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ޝަކީލް މިކަން ހާމަކުރަށްވާފައިވާއިރު ޙައްޖަށް މީހުން ގެންދިއުމުގައި ފަރްޟު ޙައްޖުނުވާ މީހުންނަށް އިސްކަން ލިބޭގޮތަށް ޙައްޖު އުސޫލަށް ބަދަލުގެންނަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން ސަރުކާރުން ވަނީ އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށާއި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަ ކުރުމަށާއި ފަރުޟު ޙައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ޙައްޖުވިތާ ފަސް އަހަރުވުމުން ކަމަށް ކަނޑައަޅާފައެވެ.

އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގައި މިހާރުތިބި 65 އަހަރުން މަތީގެ 1473 މީހުންނަށް އިތުރު އުންމީދެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އޭގެއިތުރުން ޝަކީލް ވަނީ މިއަހަރު ޙައްޖަށް ދިއުމަށް ޖާގަލިބިފައިވާ އެންމެނަށް ޙައްޖަށް ދެވޭނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި މިހާރު ކިއު ތަރުތީބުން ޙައްޖު ދަޢުވަތު ފޮނުވަން ފަށާފައިވާ ކަމަށާއި ބައެއް ފަރާތްތަކުން އެކި ސަބަބުތަކާހުރެ މިއަހަރު ހައްޖަށް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

އެހެންކަމުން އެ ޖާގަތަކަށްވެސް ކިއު ތަރުތީބުން އެހެން ފަރާތްތަކަށް ފުރުސަތު ދެމުންދާ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މިއަހަރުވެސް ރާއްޖޭން މީހުން ހައްޖަށް ގެންދާނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 50 ފަގީރުން ހައްޖަށް ފޮނުވާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގައި މިހާރުވެސް 9000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. މިދިޔަ އަހަރު ރާއްޖެއިން ޙައްޖަށް ގޮސްފައި ވަނީ، 1،150 މީހުނެވެ.

ޙައްޖު ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ އިސްނެންގެވުމާއިއެކު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުނު ފަހުން ޙައްޖާއި އުމްރާ ދަތުރުތަކަށް ބޮޑެތި ލުއިތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއަށް 2024 ވަނަ އަހަރު ލިބުނު ހުރިހާ ޙައްޖު ކޯޓާއެއްވެސް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން