ވީއޭއާރު ބެލުމަށްފަހު ސިޓީން ޖެހި ގޯލް ސައްޙަ ކަމަށް ކަނޑައެޅި މަންޒަރު-
ވީއޭއާރު ބެލުމަށްފަހު ސިޓީން ޖެހި ގޯލް ސައްޙަ ކަމަށް ކަނޑައެޅި މަންޒަރު-
މިދިޔަ ހަފްތާ ބަންދުގައި ކުޅުނު މެންޗެސްޓަރ ޑާބީ މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ގޮތުގައި މަސައްކަތްކުރި މެޓް ޑޮނޯހޫ އާއި އޭނާގެ އެހީތެރިޔާ ބްލޭކް އެންޓްރޯބަސް، މި ހަފުތާ ބަންދުގައި ކުޅޭ ޕްރިމިއާ ލީގުގެ މެޗުތަކަށް އައްޔަނު ނުކުރުމަށް ނިންމައިފިއެވެ.

މި ނިންމުމަކީ ޕްރިމިއާ ލީގުގެ ރެފްރީންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރޯ ރެފްގެ ޗީފް ރެފްރީން އޮފިސަރު ހޮވާޑް ވެބް އާއި މެނޭޖްމަންޓް ޓީމުން ނިންމި ނިންމުމެކެވެ.

މި ފިޔަވަޅު އަޅާފައިވަނީ، މިދިޔަ އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ކާމިޔާބުކުރި ލަނޑު ބަލައިގަތުމުގައި "ނިންމުން ނިންމުމުގެ ކުށެއް" ހެދިފައިވާ ކަމަށް ޕްރޯ ރެފް އިން އެއްބަސްވުމާ ގުޅިގެންނެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ 60 ވަނަ މިނެޓުގައި ހާލަންޑް މި ލަނޑު ޖެހީ ޔޮސްކޯ ގްވާޑިއޯލް ނަގައިދިން ހުރަހަކުންނެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ނިންމީ ޕެޓްރިކް ޑޯގޫގެ ފައި ހުރި ގޮތުން ހާލަންޑް އޮފްސައިޑް ނުވާ ކަމަށެވެ.

ނަމަވެސް، ހާލަންޑް އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން، އޮފްސައިޑް މަގާމެއްގައި ހުރި ސިޓީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ބޯޅައިގައި ބޮލުން ޖަހަން މަސައްކަތް ކުރުމުން، އޭނާ ކުޅުމުގެ ތެރެއަށް ވަދެފައިވާތީ އެ ލަނޑު ބާތިލުކުރަން ޖެހޭނެ ކަމަށް ބުނެ ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

"އެންޒޯ ފެނާންޑޭޒް ބޯޅައިގައި ފައި ނުޖައްސާކަން ކަށަވަރުވޭ، އެހެންކަމުން އޮފްސައިޑް ކުށެއް އޮތްތޯ ނިންމުމަކީ ރެފްރީގެ އިޚުތިޔާރުގައި އޮތް ކަމެއް. އެހެންނަމަވެސް، މި ހާލަތުގައި އޭނާ ހުރި މަގާމުގެ ސަބަބުން ކުޅުމަށް ކުރާނެ އަސަރު ވީއޭއާރުން ވަޒަންކޮށްފައެއް ނުވޭ. އަދި ދަނޑުގައި ހުރި ރެފްރީއަށް އެ މަންޒަރު އަލުން ބެލުމަށް (އޮން-ފީލްޑް ރިވިއު) އިރުޝާދު ދޭންޖެހޭނެ." ޕްރޯ ރެފްގެ ބަޔާނުގައިވެއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ފިލް ފޯޑަންއަށް ރަތް ކާޑު ދެއްކި ނަމަވެސް، ސިޓީން ވަނީ މި މެޗު ކާމިޔާބުކޮށް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 100 އިންސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު