މަވޯޓާ ޝަރީފް
މަވޯޓާ ޝަރީފް
އިޤްތިޞާދީ ގޮތުން އިންޑިއާގެ މިސްރާބު މިވަގުތު ހުރީ ވަރަށް ކުރިއަށް ދިއުމަށް ކަމަށާއި، އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އިޤްތިޞާދީ ގޮތުން އުފެދެމުންދާ ވަރުގަދަ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑު ކިއުންތަކަށް ރައްދުދީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރު މަވޯޓާ ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ހެދޭ ޕޮލިސީތަކުގެ މަގުސަދަކަށް ވާންޖެހޭނީ، ރާއްޖޭގެ އިގްތިސާދު އަލުން އިޔާދަކޮށް ކުރިއަރުވާ ހަރުދަނާކުރުން ކަމަށެވެ.

އެގޮތުން އިންޑިޔާގެ މިސްރާބު މިވަގުތުހުރީ ވަރަށް ބޮޑަށް ކުރިއަށް ދިއުމުގެ މަގުމަތީގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖެއަށްވެސް އެތަކެއް ކުރިއެރުމެއް ލިިބޭނެ ކަމަށާއި، ރާއްޖެއާ އިންޑިއާއާއި ދެެމެދު އޮންނަނީ ދެފަރާތް އެއްބަސްވާ ހަރުދަނާ ގުޅުމެއް ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"މިފަދަ ދަނޑިވަޅެއްގައި އެހެން ގައުމުތަކުގެ އެހީ ލިބިގެން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރިކަމުގައި ވިޔަސް ދިވެހިރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮންނަންވާނެ. މިކަމާ ގުޅިގެން ބޭކާރު ވަގުތު ހޭދަކުރަން އިތުރަށް ދައްކާނެ ބޭކާރު ވާހަކައެއް ނެތް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިންޑިޔާއަކީ ތަރައްގީގެ ކަންކަމުގައި މިހާރުވެސް މާލީ ގޮތުން ރާއްޖެއަށް އެހީތެރިވާ މުހިންމު އެއް ހިއްސާާދާރު ކަމަށެވެ. އަދި އޭގެ މާނައަކީ އިންޑިޔާގެ އިތުރުން ރާއްޖެއަށް އެހީތެރިވެދީފައިވާ ގައުމުތައް ކަމަށްވާ ޗައިނާ، ސައުދި އަރަބިއްޔާ އަދި ޔޫއޭއީގެ މަތިން ހަނދާން ނައްތާލުން ނޫން ކަމަށާއި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދެފަރާތަށް ފައިދާވާ ގޮތަށް މަސައްކަތް ކުރެވިދާނެކަމަށް ވަރަށް ބޮޑަށް ޤަބޫލް ކުރަށްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ދެގައުމެއްގެ ދެމެދުގައި ހަމަނުޖެހުމެއް އުފެދުނަސް އެގައުމުތަކުގެ އިގްތިސާދަށް އަސަރުކުރާނެކަން ދަންނަންވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖެ އަކީ އިގްތިސާދީގޮތުން އެކިގައުމުތަކާ ގުޅިގެން މަސައްކަތް ކުރާ ގައުމަކަށް ވީހިނދު، ހާއްސަކޮށް އިންޑިއާއާއި ރާއްޖެއާ ދެމެދުގެ އޮތް ގުޅުމަށް ހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ހާލަަތައް ބަލާއިރު ހީނުކުރާވަރުގެ އަސަރެއްކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކިގައުމުތަކަށް ބަރޯސާވުމާއި ހާއްސަގޮތެއްގައި އިންޑިޔާއައް ބަރޯސާވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެހެންކަމުން މިކަމާބެހޭގޮތުން އިތުރަށް މާގިނަ ވާހަކަތަކެއް ދެެއްކުމުގެ ބޭނުމެއްނެތް ކަމަށާއި، އޭގެ ބަދަލުގައި ސިޔާސީ މިނިވަންކަމާއެކު ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ މިނިވަންކުރުމަށް އެހީތެރިވުމަށް އޭނާ ވަނީ ރާއްޖޭގެ ސިޔާސީ މާޙައުލުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޝަރީފު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ މިސަރުކާރުން އިންޑިއާއާއެކު ބާއްވާ ގާތް ގުޅުމާއި އިންޑިއާއިން ހޯދާ އެހީތަކާއި މެދު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދައި ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަހްމަދު

04-Sep-2020

ޝަރީފް އަކީ ސިޔާަސީ ގޮތުން ދުރުވިސްނޭ ތަޖުރިބާހުރި ބޭފުޅް.



ޓްރެންޑިން