ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ދައްކުވައިދޭ ފޮޓޯއެއް.
ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ދައްކުވައިދޭ ފޮޓޯއެއް.
ދިވެހިންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސް ގެ ޕޭމަންޓް ގޭޓްވޭ މަސައްކަތް ހުއްޓި ފައިސާގެ މުޢާމަލާތްތަކަށް ބުރޫއަރައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މިކަން ބީއެމްއެލްގެ ސަމާލުކަމަށް އައިސްފައިވަނީ ރޭ 11:30 ހާއިރުއެވެ.

އޮންލައިން ބޭންކިންގ މެދުވެރިކޮށް ކުރާ ގިނަ ފައިސާގެ މުއާމަލާތްތަކަކީ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތަކެވެ.

ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް މެދުކެނޑުމުން، ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ބޭންކު މެދުވެރިކޮށް ޑޮލަރު ގަތުމަށް އޮންލައިންކޮށް ޑޮލަރ ބުކިންގ ގެ ޚިދުމަތްވެސް ވަނީ މެދުކެނޑިފައެވެ. މިކަމާ ގުޅިގެން ބީއެމްއެލްގެ ކޯލް ސެންޓަރުން ބުނީ މިމައްސަލަ ހައްލު ކުރެވޭނެ ވަގުތެއް ނޭނގޭ ކަމަށެވެ.

ޕޭމަންޓް ގޭޓްވޭ މަސައްކަތް ނުކޮށް 7 ގަޑިރަށްވުރެ ގިނައިރުވެ ޚިދުމަތް މެދުކެނޑިގެން ދިއުމަކީ ގިނަބަޔަކަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމެކެވެ. ނަމަވެސް ބޭންކުން މިކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނަސްފައެއް ނުވެއެވެ.

ރަސް އޮންލައިންނަށް މަޢުލޫމާތު ދިން ބީއެމްއެލްގެ ކަސްޓަމަރަކު ބުނީ، ރެއިން ފެށިގެން ޖުމްލަ 13 ފަހަރު ބޭންކު މެދުވެރިކޮށް ޑޮލަރު ގަތުމަށް އޮންލައިންކޮށް ޑޮލަރ ބުކިންގ ހެދުމަށް މަސައްކަތް ކުރެވުނު ކަމަށާއި، ހެނދުނު ފުރަން އެއަރޕޯޓަށް ދިޔައީވެސް ޑޮލަރު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ކަމަށެވެ.

"ޕޭމަންޓް ގޭޓްވޭ މައްސަލަ އެއް އުޅޭކަން ބުނަން ފުރަތަމަ ގުޅީމަ 20 މިނެޓު ހުރިން ކޯލް ސެންޓަރުގެ މުވައްޒަފަކާ ދިމާ ނުވެގެން، 20 މިނެޓު ފަހުން އަނެއްކާވެސް ޑޮލަރު ލިބޭތޯ ބުކިންގ ހައްދަން ޓްރައި ކޮށްފަ ނުވެގެން އަނެއްކާވެސް ގުޅީ، ފުރަތަމަ ބުނީ ނެތޭ އިޝޫ އެއް އެހެން ޑިވައިސް އަކުން މަސައްކަތް ކުރާށޭ، ދެން ވެސް ނުވީމަ ބުނީ އެބަ އުޅެ އޭ މައްސަލަ އެއް، ނޭނގެ އޭ ހައްލު ވާނެ ވަގުތެއް." ރަސް އޮންލައިނަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭނާ ބުނީ ބީއެމްއެލް އިން އެންގީ އެއަރޕޯޓަށް ދާންވަންދެންވެސް ޑޮލަރު ލިބޭތޯ ބުކިންގ ހައްދަން މަސައްކަތް ކުރަން ކަމަށާއި، އެއަރޕޯޓަށް ދާން ނިކުންނަމުން ގުޅީމާ، އެއަރޕޯޓް ބީއެމްއެލް ކައުންޓަރުން ޑޮލަރ ލިބޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ކަމެއް ދިމާވެދާނެ، މިއަށްވުރެ ލުއި ގޮތެއް ހަމަ ނެތީތޯ؟ ރޭގަނޑުގެ ނިދި ނަގާލާފަ ބޭންކަށް އާދޭސް ކޮށް، ބޭންކު ޚިދުމަތްތައް ފުރިހަމަތޯ ބަލަން އިނުމަކީ ފަސޭހަކަމެއް ނޫން." ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ ޚިދުމަތް ނުލިބި ކަންބޮޑުވެފައިވާ ކަސްޓަމަރަކު ރަސް އޮންލައިނާ ހިއްސާކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން