ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި އަލް މަރުޙޫމް ޙުސައިން މުޙައްމަދު (މ.)
ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި އަލް މަރުޙޫމް ޙުސައިން މުޙައްމަދު (މ.)
ޢަލްމަރުޙޫމް ހުސައިން މުޙައްމަދަކީ މާއްދިއްޔަތަށް ނުހެއްލޭ ތެދުވެރި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެރިދޫ ހުސައިން މުޙައްމަދަކީ 3 ދައުރު އަރިއަތޮޅު ތަމްސީލް ކުރެއްވި ރައްޔިތުންގެ ވަކީލެއް ކަމަށެވެ. އަދި ރާއްޖޭގެ ބްރޮޑްކާސްޓިން ހަޔާތުގެ ބޮޑު ޙިދުމަތްތެރިއެއް ކަމަށާއި ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް ކަމަށެވެ.

ހުސައިން މުޙައްމަދަކީ އެމަނިކުފާނުގެ އާއިލީ ރަޙްމަތްތެރިއެއް ކަމަށާއި، އެމަނިކުފާނަށް ސުވަރުގެ މިންވަރުކުރެއްވުން އެދިލައްވާކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.



ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން މުޙަންމަދު ނިޔާވުމާއި ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ހުސައިން މުހައްމަދަކީ، ޖޭޕީގެ ކައުންސިލްގައި ކުރެވޭ މުހިންމު ބަހުސްތަކުގައި ހަމަ ހިފަހައްޓަވާދެއްވާ ވަރަށް ނާޒުކު ދަނޑިވަޅުތަކުގައި ޚިޔާލްތަފާތުވުންތައް ހަމައަކަށް އަޅުއްވައިދެއްވާ ހުރިހާ ބޭފުޅުންނާވެސް ގުޅޭ ވަރަށް ސާބިތު އިތުބާރު ހިފޭ ބޭފުޅެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

އަދި ޙުސައިންގެ ވަކިވުމަކީ ޖޭޕީއަށް ލިބުނު ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށާއި، އެއީ ވަރަށް ޒިންމާދާރު އެހާމެ ކުޅަދާނަ ޕާލަމެންޓޭރިއެއްކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވަކިވެ ވަޑައިގަތުމަކީ ޖޭޕީގެ ކައުންސިލަށް ލިބުނު ފޫނުބެއްދޭވަރުގެ ފަޅުކަމެކަމެއްކަމަށާއި އަދި ރާއްޖޭގެ ނޫސްވެރިންގެ ޢާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށް ޤާސިމް ވިދާޅުވިއެވެ.



ގާސިމް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި, ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީ އަށާއި ހުދު އެމަނކުފާނަށްވެސް ވަފާތެރި ބޭކަލެއް ކަމަށެވެ. ހުސައިން މުހައްމަދު އަވަހާރަވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށެވެ.

ހުސައިން މުހައްމަދު ވަނީ ސިޔާސީ ދާއިރާގައާއި ނޫސްވެރިކަމާއި ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރަށްވާފައެވެ. ޙުސައިން މުޙައްމަދު އަވަހާރަވީއިރު ޢުމުރުފުޅަކީ 71 އަހަރެވެ.

ހުސައިން މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 18:45 ގައި މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން