ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް
ކައިރި މުސްތަޤުބަލެއްގައި ދިވެހި ޕައިލެޓުން ހެލިކަޕްޓަރު ދުއްވަން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އިންޑީއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު ދުއްވުމުގެ ފުރުސަތު ދިވެހި ޕައިލެޓުންނަށް ނުދީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ހެލިކޮޕްޓަރު ދުއްވަމުން ގެންދާ މައްސަލައިގައި ސަރުކާރަށާއި ރާއްޖޭގެ ދިފާއީ ބާރަށް އާންމުންނާއި ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ ހެލިކޮޕްޓަރު ދުއްވުމާއި ބެލެހެެއްޓުމުގެ ނަމުގައި އިންޑިއާގެ އަސްކަރީ ފައުޖުގެ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި ތިބޭ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެކެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައިގައި ވާހަކަ ދައްކަވަމުން، މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ، އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން ދިވެހިން ބޭނުން ނުކުރަނީ އެކަމަށް ޚާއްސަ ދިވެހި ޕައިލެޓުން ނެތުމުން ކަމަށެވެ. ޝަމާލް ވިދާޅުވީ، މިވަގުތު ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން ނެތްކަމުގައި ވީ ނަމަވެސް ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން ދާ ކަމަށާއި، ގިނަ ގޮންޖެހުންތަކެއް އެކަމަށް ހުއްޓަސް، ވަރަށް އަވަހަށް އެފަދަ ދިވެހިން ލިބޭނެ ކަމަށެވެ.

"ހައެއްކަ ކުދިން މި ތިބީ ޕައިލެޓުންގެ ގޮތުގައި. އެ ކުދިންނަކީ އެކިއެކި އެކަޑަމީތަކުން ޕައިލެޓުންގެ ގޮތުގައި ތަފާތު ވައްތަރުގެ އެއާރ ކްރާފްޓްތަކަށް ތަމްރީނު ހަދާފައި ތިބި ކުދިން. ސީދާ ހެލިކޮޕްޓަރުގެ ޓްރެއިނިން ނެތް ހަދާފައެއް. އެހެން ނަމަވެސް ވަރަށް ކައިރި މުސްތަގްބަލެއްގައި އަޅުގަނޑުމެން މިބަލަނީ މިހާރު ތިބި ޕައިލެޓުން ހެލިކޮޕްޓަރު ދުއްވޭނެ ގޮތަށް ތަމްރީނު ކުރެވޭނެ ކަމަށް." ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ޕައިލެޓުންގެ މުސާރައިގެ ގޮތުގައި އެކަނި ވެސް 80،000 އާ ގާތްކުރާ އަދަދެއްގެ މުސާރައެއް ދޭން ޖެހޭއިރު އެކަމުގައި ވެސް ދަތިތަކެއް އެބަ ހުއްޓެވެ. ކޮމާޝަލް ޕައިލެޓުންނަށް ދޭ ފަދަ މުސާރަ އާއި އިނާޔަތްތައް ނުދެވުމަކީ އެ ދާއިރާއިން ދިވެހިން ހޯދަން އުނދަގޫވާ ސަބަބެއް ކަމަށާއި، ޕައިލެޓުންނަށް އެކަނި އެވަރުގެ މުސާރައެއް ދޭނަމަ އެމްއެންޑީއެފްގައި ތިބި ޓެކްނިކަލް އެހެނިހެން މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެންމެ ކުރިން ފެށިގެންވެސް ހެލިކޮޕްޓަރުގެ ތެލާއި މެއިންޓެނަންސް ފަދަ ކަންކަން އިންޑިއާ ސިފައިން ބަލަހައްޓަމުން އަންނަނީ އެއްބަސްވުމުގައި އެކަން ލިޔެފައި އޮތް ގޮތަށް ކަމަށެވެ. އެ އުސޫލުން ކޯސްޓްގާޑްގެ ކަނޑުގެ އުޅަނދުތައް ވެސް ކޮންމެ ދެ އަހަރުން އެއްފަހަރު އިންޑިއާއަށް ގެންގޮސް، މެއިންޓެނަންސް ބަލަހައްޓަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ހެލިކޮޕްޓަރު ދުއްވުމަކީ އޭގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލޭ ސަބަބެއް ނޫނެވެ.

މީގެ އިތުރުން ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން ނުތިބޭނެ ކަމަށް މިއަދުގެ ޕްރެސްގައި ޝަމާލް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް ހިއުމަނިޓޭޓާސް އާއި އެކި ކަހަލަ ޓެކްނިކަލް މަސައްކަތް ކުރާ ބޭރު ގައުމު ތަކުގެ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ޝަމާލު ވިދާޅުވިއެވެ.

ޝަމާލް މިގޮތަށް ވިދާޅުވި ނަމަވެސް ދެހެލިކޮޕްޓަރު ދުއްވައި ބެލެހެއްޓުމާއި ފަހުން ގެނައި މަތިންދާ ބޯޓާއި އެކުގައި އައި އިންޑިއާގެ އަސްކަރީ ސިފައިނާއެކު ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ގާއިމުވެ ތިބޭކަން ވަނީ ކަށަވަރު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ނުރަބޯ

07-Sep-2020

ރާއްޖޭގައި ރަސްކަންކުރި މަޝްހޫރު ހަދި ހަސަން ރަސްގެފާނު ޙައްޖައް ގޮއްސަ އައިއިރު 70 ބަބުރުން ގެނައެވެ. އެއީ ރަސްގެފާނުގެ ވެރިކަން ދިފާޢު ކުރުމާއި ރަސްގެފާނުގެ ހަށިފާރަ ވެރިންގެ ގޮތުގައެވެ. އެކަމަކު އެމީހުންގެ ޚަރަދު ތައް ބަލަހައްޓަން ޖެއްސީ ޢާއްމު ރައްޔިތުންނަށެވެ. ހެލިކޮޕްޓަރު ދުއްވާ ބެލެހެއްޓުމުގެ ނަމުގައި މިހާރު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަކީ މިބީދަ އިން ރީނދޫ އެމްޑީޕީގެ ވެރިކަން ދިފާޢު ކުރަން ތިބި ބައެކެވެ.ވީމާ މި ބައިގަނޑު މިހިނދުން މި ހިނދަށް މިގައުމުން ފައްސާލަން ޖެހޭނެއެވެ.



ޓްރެންޑިން