ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު
ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ.

ރޭ ކުރިއަށްދިޔަ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވީ އެފްއޭއެމުން ސަރުކާރު ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނީގެ ކަންކަމަށް ހައްލެއް ހޯދުމަށް މިހާރު އެ ކުންފުނިތަކާއެކު މަޝްވަރާތަކެއް ކުރައްވަމުން ދާ ކަމަށެވެ.

އަދި މި މަޝްވަރާތަކަށް ފަހު އެފްއޭއެމުން ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަންޏަށް ފަހި ގޮތެއް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް މިއީ ކިހާ ފައިސާއެއް ކަމެއް އަދި ދަރާފައިވަނީ ކިތައް ކުންފުންޏަށް ކަމެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެފްއޭއެމްގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

އެގޮތުން އެފްއޭއެމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގަލޮޅު ދަނޑުގައި އޮފީސް ހަދައިދިނުމާއި، މުބާރާތްތައް ބާއްވައިދިނުމަށް އެހީތެރިވުމުގެ ގޮތުން ވުޒާރާގެ މުވައްޒަފުން ބޭނުން ކުރެވޭނެ ގޮތްވެސް ހަމަޖައްސާދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ގައުމީ ޓީމުތައް ރާއްޖެއިން ބޭރުގެ މުބާރާތްތަކާއި މެޗުތަކުގައި ކުޅުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން މިހާތަނަށް އެފްއޭއެމުން އެދުނު ކޮންމެ ކަމަކަށްވެސް އިޖާބަދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން