ދީފައިވާ ނޯޓިހުގެ މުއްދަތު ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފިއެވެ.

އެޗްޑީސީން ބުނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ އެއްބަސްވުމުން ބާތިލުކޮށްފައިވާ ކަމަށެވެ.

 

2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓަށް ވަގުތު އިތުރުކޮށްދެވުނު ކަމަށާއި އެހެން ނަމަވެސް އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވާކަމަށް އެޗްޑީސީން ބުންޏެވެ. އަދި ޖާހު އިންވެސްޓްމަންޓާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް، އެޗްޑީސީގެ ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވިފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

”އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެކަން އެފަރާތަށް ވާނީ އަންގާފައި.“ އެޗްޑީސީން ބުންޏެވެ.

ޖާހު އިންވެސްޓްމަންޓުން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް 16 މާރިޗު 2025 ގައި އެ ކުންފުންޏަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކާއި އެ ކޯޕަރޭޝަނުން ހިއްސާކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން