މޯލްޑިވް ގޭހުގެ ފަރާތުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ނުލިބި ގޭސް ޝިޕްމަންޓް "ގެއްލުނު" މައްސަލާގައި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމެވެ.

މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މޯލްޑިވް ގޭހުގެ އަތުން ގޭސް ގަތުމާ ގުޅޭ އެންމެހައި މަސްއޫލިއްޔަތުތަކާއި އިޚްތިޔާރުތައް އެސްޓީއޯއިން ވަނީ އަތުލައިފައިކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ދެއްކިނަމަވެސް ގޭސް ޝިޕްމަންޓް ނުލިބި، އެފައިސާ ގެއްލުނު މައްސަލައާ ގުޅިގެންކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ގޭހުގެ ޝިޕްމެންޓުގެ 30 ޕަސެންޓަށްވާ ފައިސާ މޯލްޑިވް ގޭހުން ދީފައިވާކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ފައިސާ އަނބުރާ ހޯދިފައިނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ގެއްލުނު ފައިސާ އަނބުރާ ހޯދިފައި ނުވި ނަމަވެސް، އެސްޓީއޯއިން ވަނީ އެ މައްސަލައިގައި ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އަދި މޯލްޑިވް ގޭހުގެ ފައިސާއާއި ގުޅޭ އެ މައްސަލަތަކުގައި އެ ކުންފުނީގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. އެހެންކަމުން މޯލްޑިވް ގޭހުން އެހާ ބޮޑު އަދަދެއްގެ ފައިސާ "ގެއްލުމުން" ދެން ގޭސް ގަތުމަށް ފައިސާ ދެއްކުމުގެ ކަންކަން ސީދާ އެސްޓީއޯއިން ކުރިއަށް ގެންދަން ނިންމިނަމަވެސް އޭގެތެރެއިން އެއްވެސް ކުންފުންޏަކުން މިކަމުގައި އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން