ބްރޯޑްކޮމް އޮފީސް
ބްރޯޑްކޮމް އޮފީސް
ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަކޮށް ދެކެވޭ ވާހަކަތައް ބްރޯޑްކާސްޓު ކުރުމުގައި ސަމާލުވާން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.

ބްރޯޑްކޮމުން ނެރުނު އެންގުމެއްގައި ބުނެފައިވަނީ އެކި ފޯރަމްތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަކުރަންދާ ކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބު ކުރާއިރު، ޒާތީ ތައައްސުބުން އެއްކިބާވެ، އިހުތިރާމާއެކު ކޮންޓެންޓު ގެނެސްދިނުމަށް ބްރޯޑްކޮމުން ވަނީ އެދިފައެވެ.

އަދި މިފަދަ ގޮތްގޮތަށް ނޫސްވެރިންނަށް އަމާޒުކޮށް ދެކެވޭ ވާހަކަތައް ބްރޯޑްކާސްޓުކުރުމުގައި ސަމާލުކަން ދިނުމަށް ވެސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ބްރޯޑުކޮމް އިން މިހެން އިލްތިމާސްކޮށްފައި މިވަނީ ޕީއެންއެފް ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދެއްކެވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯގައި، ޕީއެންއެފުން މި ފަހުން ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީނުގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) އެ ނޫސްވެރިޔާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ޖޯކު ޖަހާ ތަން ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން