ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ އެއްވެސް އަމަލަކުން، އެބޭފުޅުން ކުރިއަށްދާ ސާބިތު ފިޔަވަޅުތައް ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަފީޤް ވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު ގައުމުން ފެންނަމުންދަނީ މީޑިއާ ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތައް ސަރުކާރުގެ ދަށުވެ، މުޅިން އަޅުވެތިވެފައިވާ މަންޒަރެކެވެ.

އަދި އެ ކޮމިޝަންތައް އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް ކަންކަން ނިންމަމުން ގޮސްފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް، ސިޔާސީ ނުފޫޒުގެ ތެރެއިން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝަފީޤްގެ ވާހަކަފުޅުގައި މިނިވަން މުއައްސަސާތަކުގައި ތިއްބެވި މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ، އެ މުއައްސަސާތަކުގެ ގިނަ މެންބަރުން ތިއްބެވީ ހަމައެކަނި މުސާރަ އާއި އިނާޔަތްތައް ހޯއްދެވުމުގެ ބޭނުމުގައި ކަމަށާއި، ގާނޫނުން މަތިކޮށްފައިވާ ހަގީގީ ޒިންމާ އެބޭފުޅުން އަދާނުކުރައްވާ ކަމަށެވެ.

އަދި އެ ކޮމިޝަންތަކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބާރެއްގެ ދަށުން، އެ ވަގުތެއްގައި އޮންނަ ސިޔާސީ ބާރަކުން ބޭނުންވާ ގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރަކަށް އައިސް ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ ޖިނާއީ އެކި މައްސަލަތަކާއި ފިޔަވަޅުތަކަކީ ވަކި ބަޔަކު އަޑީގައި ތިބެގެން ވަރަށް ބޮޑަށް ރާވައިގެން ހިންގާ ސިޔާސީ ކަންކަން ކަމަށާއި، މިއީ ކޮން ބޭނުމެއްގައި ކުރާ ކަމެއްކަން މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ޝަފީޤް ވިދާޅުވިއެވެ.

ސަރުކާރުން ނޫސްވެރިންނަށް އަމާޒުކޮށްގެން ކިތަންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ނޫސްވެރިކަމުގެ ހިތްވަރު ބަލިކޮށެއް ނުލެވޭނެ ކަމަށާއި، ބިރުދެއްކުމުގެ ސިޔާސަތުތަކުން ސަރުކާރުން ބޭނުންވާ މަގުސަދެއް ހާސިލެއް ނުވާނެ ކަމަށް ޝަފީޤް ވިދާޅުވިއެވެ.

އޭނާ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވި ގޮތުގައި، މިނިވަން ނޫސްވެރިކަން ހުއްޓުވުމަށާއި ނޫސްވެރިން ފަހަތަށް ޖެއްސުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އެއްވެސް ނަތީޖާއެއް ނުކުންނާނެ، މުޅިން ބޭކާރު ކަންތައްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު