ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.

ޝަމީމަށް މަގުމަތިން ބަޔަކު މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ. ނަމަވެސް މާބޮޑު އަނިޔާއެއް ނުލިބެއެެވެ.

މި މައްސަލައިގައި ދަޢުލަތުން ދައުވާ ކޮށްފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ، ރ. އަލިފުށި ރިވެލި މިދުހަތު އާދަމާއި، ލ. ގަން ތުނޑި ޖަވާހިރުވިލާ މުހައްމަދު ޖަޒްލާނާއި، ދަފްތަރު ނަންބަރު 2247 އަހުމަދު މައިސާން ހާޝިމާއި، ލ. މާމެންދޫ މުރިނގު ރަޖުވާން ލަތީފާއި، ތ. ގާދިއްފުށި މުސްތަރީގެ ޝަމާލް ހުސައިންގެ އިތުރުން ތ. ދިޔަމިގިލި ރުވާ އަބާން އަބްދުލްހަންނާނާއި، އދ. މާމިގިލި ކެމީހިޔާ ޒަޔާން ނަސީރުގެ މައްޗަށެވެ.

މި ހަތް މީހުންގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުުމުގެ ދައުވާ އުފުލި ނަމަވެސް، އެމީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެންމެންވެސް މިހާރު ވަނީ މިނިވަންވެފައެވެ.

މި މައްސަލައިގެ އިސްތިއުނާފު މުއްދަތު އަންނަ ހޯމަދުވަހަށް ހަމަވާއިރު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ މިމައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައި ބުނެފައިވަނީ، މި މައްސަލާގައި ކުށް ސާބިތުކުރުމަށް މައިގަނޑު ގޮތެއްގައި އޮތް ހެއްކަކީ ސީސީޓީވީ ފުޓޭޖުތައް ކަމަށާއި، ނަމަވެސް ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގަޑިއާއި ހާދިސާ ހިނގި ވަގުތު ކަމަށް ބުނާ ވަގުތާ ދިމާނުވާ ކަމަށެވެ.

އެހެންކަމުން މިޙާލަތުގައި ޝަރީއަތަށް ހެކި ބަލައިގަތް ނަމަވެސް ކުށް ސާބިތު ކުރުމުގައި ހެއްކަށް ބުރަދަން ދެވޭނެ މިންވަރު ދަށްވާނެ ކަމަށް، މައްސަލަ ސާބިތު ނުވާކަމަށް ކަނޑައެޅި ޤަޟިއްޔާގެ ޙުކުމްގައި ބުނެފައިވެއެވެ.

ޝަމީމަށް ޙަމަލާ ދިން މައްސަލާގައި ދައުލަތުން ބުނެފައި ވަނީ މިއީ މާލޭގައި ކުށްކުރާ ގުރޫޕަކުން ދުރާލާ ރާވައިގެން ކޮމަން އިންޓެންޝަނެއްގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. އެގޮތުން ޝަމީމަށް ހަމަލާ ދޭން ރާވައި، 2024 ޖެނުއަރީ 31 ވަނަ ދުވަހު މާލޭގެ ނޫރު މިސްކިތް ކައިރީ މަގުމަތީން ޝަމީމް ހުއްޓުވައި، ބޮލަށް ހަމަލާ ދޭން މަސައްކަތްކޮށް، ޝަމީމާމެދު މާރާމާރީ ހިންގައި އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާ ކަމަށް ދަޢުލަތުން ކޯޓުގައި ބުނެފައިވެއެވެ.

އަދި ޝަމީމްގެ ބޮލަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ މައްސަލާގައި ދަޢުވާ ރައްދުވާ މިދުހަތު ކަމަށާއި، ސައިކަލުގައި މިދުހަތު ގޮވައިގެން އެތަނަށް ގޮސް ސީނުން އޭނާ ގޮވައިގެން އަނބުރާ ދިޔައީ ދަޢުވާ ރައްދުވާ ޖަޒްލާން ކަމަށާއި އެސައިކަލު ހޯދައިދިނީ ދަޢުވާ ރައްދުވާ މައިސާން ކަމަށްވެސް ދައުލަތުން ވަނީ ބުނެފައެވެ.

އޭގެއިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަނެއް ހަތަރު މީހުންނަކީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި މީހުންނެވެ. އަދި ހަމަލާއަށްފަހު ސައިކަލުގައި ތިބި ދެ މީހުންނާއެކު ހަތަރު މީހުން ކާރުގައި އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށްވެސް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މިބާވަތުގެ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށައަޅަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން