އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން (ފޮޓޯ: ސޯޝަލް މީޑިއާ)
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން (ފޮޓޯ: ސޯޝަލް މީޑިއާ)
ނުފޫޒެއް، ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ދުނިޔޭގެ ޑިމޮކްރެސީ ދުވަހާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ ތިމާޔަށް އެއްޗެއް ދޭ މީހަކަށް ވޯޓުލުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި ވަކިމީހަކަށް ވޯޓުލައިގެން ނުވަތަ ނުލައިގެން އަދަބެއް ނުދެވޭނެކަމަށެވެ. އަދި ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ ކަމަށާއި، ދިވެހިރާއްޖޭގެ އައު ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދީފައި ކަމަށެވެ.

އީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއްގައި، ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރާ ދަތުރުގައި، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމުން، ރާއްޖެ ދަނީ ވަރަށް މުހިންމު ތަޖްރިބާތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ސަރުކާރު ހިންގުމުގެ ބާރާއި އަދި ޤާނޫނު ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔެއް ކަން އީސީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި، ބޭއްވޭ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭ ކަމަށާއި، އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ އެންމެން ބައިވެރިވުމީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިނިވަން ޢަދުލުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި މީޑިޔާއަށާއި އިންތިޚާބު އޮބްޒަރވްކުރާ ފަރާތްތަކަށް އިންތިޚާބު ހިނގަމުންދާ ގޮތް ބެލުމުގެ ފުރުޞަތު އޮންނަކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އިންތިޚާބުތަކުގައި އެ މީހަކު ވޯޓުދޭނީ ކާކަށްކަން ނިންމާނީ އެ މީހަކު އަމިއްލަޔަށްކަން ވެސް ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެއިތުރުން އީސީގެ ބަޔާނުގައި ބުނެފައި ވަނީ ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމަށްޓަކައި، ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙްތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމު ކަމަށެވެ. ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި، ހުނަރުތަކާއި، ސިފަތަކާއި ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތަކު ބިނާކުރުމަށާއި، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށްޓަކައި މިމަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާވާންޖެހޭކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިނިވަން އަދުލުވެރި އިންތިޚާބުތައް ޤައުމުގައި ބޭއްވެންޖެހޭކަމަށާއި، މިނިވަން، މި މަފްހޫމްގެ މާނައަކީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ވަކިވަކި ފަރުދުންނަށް ލިބުމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ބޭއްވޭ އިންތިޚާބުތަކަށް ކަމަށެވެ. އަދި ޢަދުލުވެރި މިބަހުގެ މުރާދަކީ، ވަކިފަރާތަކަށް ޖެހުމެއްނެތި އިންސާފުވެރިކަމާއިއެކު އިންތިޚާބުގެ ހުރިހާ ކަމެއް ހިންގުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން