އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް (ކ) އާއި، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ޢާރިފު (އާއްޓޭ) (ވ)
އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް (ކ) އާއި، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ޢާރިފު (އާއްޓޭ) (ވ)
އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް މި މަހުގެ 21 ވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު އެކަމާ ގުޅިގެން ދިވެހި އިމްޕޯޓަރުންނަށް ގެއްލުންވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ގެންދަނީ ބުނަމުންނެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ދައްކާފައިވާ ވާހަކައަކަށް ބިނާކޮށްފައިވާ ލިޔުމަކާއެކު މިނިސްޓަރ ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ. އަދި މިފެރީން އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރި ދަތުރުފަތުރު ޔަގީންކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިފެރީ އާއި އެހެން ކާގޯ ބޯޓު ތަކުގެ ތަފާތަކީ މީގެ ދަތުރުތައް ޝެޑިއުލްވެފައި ހުރުމާއި ވިޔަފާރި ކުރުމަށް އިތުރު ފަސޭހަތަކެއް ލިބުން." ފައްޔާޒު ވިދާޅުވި އެވެ.

ކާގޯ ފެރީއާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ޢާރިފު (އާއްޓޭ) އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މިއީ ސަރުކާރުން ކުރާ ކަމެއް ކަމުގައިވާތީ އެގޮތުން ފައިދާތަކެއް ކުރި ނަމަވެސް މި ފެރީގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންތަކެއް ވާނެ ކަމަށެވެ. އެގޮތުން "ޖަޔަންޓަކާ ކޮމްޕީޓް ނުކުރެވޭނެ" ކަމަށް އާއްޓޭ ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ބޭއްވުމަށް ހަމަޖެއްސި ކާގޯ ފެރީގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައި، ފުރަތަމަ ފެރީ ރާއްޖެ އައުމަށް އިންޑިއާގެ ކޮޗިން ބަނދަރުން ވަނީ ދަތުރު ފަށައިފައެވެ. މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރާނީ މި މަހުގެ 26 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެފެރީ މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފައެވެ. އިއްޔެ ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން