ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ ބިލްޑިންގ ސަރަހައްދު: އެ ބިލްޑިންގ އަށް ގިނަ ބަޔަކު ޚިދުމަތް ހޯދަން ދޭ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ ބިލްޑިންގ ސަރަހައްދު: އެ ބިލްޑިންގ އަށް ގިނަ ބަޔަކު ޚިދުމަތް ހޯދަން ދޭ
ސިވިލް ސާވިސް މުވައްޒަފުން ލައިގެން ހިންގާ ސަރުކާރުގެ އިދާރާތަކުގެ ހިދުމަތްތަށް އަވަސް ކަމާއި ފަސޭހަކަމާއެކު ނުލިބުމަކީ އަބަދުވެސް ޚިދުމަތް ލިބިގަންނަ ވަރށް ގިނަ އާންމު ރައްޔިތުންގެ ޝަކުވާއެކެވެ. ދައުލަތުން ކޮންމެ އަހަރަކުވެސް ބަޖެޓާއި ވަސީލަތްތައްދީ ދައުލަތުގެ ފައިސާ އިން މުސާރަ އާއި އިނާޔަތްތައް ދީގެން މަގާމުތަކަށް މުވައްޒަފުން އައްޔަންކުރި ނަމަވެސް އިދާރާތަކުގެ ބަރުހެލިކަމުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ލިބޭތަނެއް ނުފެނެއެވެ. ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު ހާސިލެއް ނުވެއެވެ. ޚިދުމަތް އަވަހެއް ނުވެއެވެ. މީހުން ކިތަންމެ ޒަމާނީ ވެފައި މޮޅަށް ކިޔަވައިގެން މޮޅެތި ކޯސްތައް ހަދައިގެން ތިއްބަސް ޚިދުމަތެއް ޒަމާނީއެއް ނުވެއެވެ.

ސަރުކާރުގެ އިދާރާތަކުގެ ބައެއް މުވައްޒަފުން އޮފީހަށް ގޮސް ސޮއިކޮށްލުމަށް ފަހު ނޫނީ މިއަދުގެ އެންމެ ޒަމާނީ އާލާތްތަކާއި ސޮފްޓްވެއާގެ އެހީގައި އެމަގުސަދު ހާސިލުވާ ގޮތަށް އިނގިލީގެ ނިޝާސް ނުވަތަ ކޭޑެއް ސްކޭން ކޮށްލައިގެން އޮފީހަށް ހާޒިރުވިކަން ނޯޓުކޮށްލުމަށްފަހު އޮފީހަށް ވަދެ މަސައްކަތާއިގެން އަވަސްވެގަންނަނީ މަދު ބައެކެވެ. ދުވަސް ފެށޭއިރު ވެރިންނާއެކު ގިނަ އިސް މުވައްޒަފުން ތިބެނީ ހެނދުނުގެ ބްރީފިންގ ގައެވެ. ބްރީފިންގ ނިމިގެން ދެން އަވަސްވެގަންނާނީ ހެނދުނުގެ ސައިގެ ކަންކަން ހަމަޖެއްސުމުގައެވެ. އޮފީހުގެ ރަސްމީ މަސައްކަތް ހިނގައިގަންނާނީ އޭގެ ފަހުންނެވެ. ރަސްމީ މަސައްކަތުން ބޭރުން ގިނަ ވަގުތު އަމިއްލަ ކަންކަމުގައި ހޭދަކޮށް އޮފީސް ގަޑީގައި ކޮފީތަކާއި ރެސްޓޯރެންޓްތަކުގައި ވަގުތު ހޭދަކުރާ ވާހަކަ އަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ.

އޮފީސް ގަޑީގައި މުވައްޒަފަކާއި ހަވާލުވެފައިވާ ޒިންމާ އަދާނުކޮށް ފަރުވާކުޑަކޮށް ގޭމް ކުޅުމާއި ޓުވީޓް ކުރުމާއި މަސައްކަތުން ބޭރު ކަންކަމުގެ މަސްއޫލުވާ ވާހަކައަކީ ވެސް ހޮޅުއަށިތަކުގައި ދެކެވޭ ވާހަކަ ތަކެވެ. މިހެން ދެންނެވި ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް އަދާކުރާ ނަމޫނާ މުވައްޒަފުން ސަރުކާރުގެ އެކި އިދާރާތަކުގައި ތިބިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މިއީ އެ ފަރާތްތަކަށް ބުނާ ދެރަ ބަހެއް ނޫނެވެ. މިއީ ހަމަ ބައެއް އޮފީސްތަކުގައި ބައެއް މުވައްޒަފުންގެ ހާލު ހުރި ގޮތުގެ ވާހަކައެވެ.

ކޯވިޑްއާއެކު ސަރުކާރުގެ މުވައްޒަފުން ވެސް ގޭގައި ތިބެގެން އާންމު ރައްޔިތުންނަށް ޚިދުމަތް ދޭން މަޖުބޫރުވިއިރު ޒަމާނީ ވަސީލަތްތަކުގެ އެހީގައި އޮފީހަށް ޚިދުމަތްތައް ހޯދަން ނުގޮސް ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވާ ގޮތެވެ. މުވައްޒަފުން ވެސް ގޭގައި ތިބެގެން ޚިދުމަތް ދެވޭ ގޮތަށް ކަންކަން ރޭވުމަށެވެ. އާންމު ރައްޔިތުން ޚިދުމަތް ހޯދަން ވަދެ އޮފީސްތައް ފުރާ ނުލާ ގޮތަށް ޚިދުމަތްތައް ދިނުމަށް ފަރުމާ ކުރުމަށެވެ. މިކަންވީ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމެ ޖެހުމެއް ވެސް ލިބުނު ކަމަކަށެވެ.

ސަރުކާރުގެ އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިން ކުރިއަސް އަދި ޚިދުމަތްތައް ހޯދަން އޮފީހަށް ނުގޮސް ވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ނަމަވެސް ގިނަ އޮފީސްތަކުން ޚިދުމަތްތައް އޮންލައިން ކުރީ ހަމަ ނަމަކަށެވެ. ކިތަންމެ ޒަމާނީކޮށް އޮންލައިން ކުރި ނަމަވެސް މީހަކު މައުލޫމާތެއް އޮޅުން ފިލުވާން އޮފީހުގެ ފޯނަށް ގުޅައިގެން ޖަވާބު ދިނުމުގައި އޮފީސް ތަކުން ގެންގުޅޭ އުސޫލަކަށް ބަދަލެއް ނައެވެ. އޮފީހަށް ނައިސް މައުލޫމާތު ހޯދަން ގުޅާނެ ނަމަބަރުތައް ބައެއް އޮފީސްތަކުން އާންމުކޮށްފައި ހުއްޓަސް ފޯނުގެ އަތްގަނޑު ހިއްލާލާ މީހަކު ނޫޅެއެވެ. ހަމަގައިމުވެސް އެބުނާ ފޯނަށް ޖަވާބު ލިބެނީ ވަރަށް ބޮޑު ތަކުލީފު ތަކެއް އުފުލައި އެތައް ވަގުތެއް އެކަމުގައި ހޭދަކުރާ ފަހުންނެވެ. މިވަރުންވެސް ޖަވާބު ދެނީ މަދު ފަހަހަރަކު މަދު އޮފީހަކުންނެވެ. ޖަވާބު ދިނަސް ފޯނު ނަގާ ފަރާތަށް ވާނުވާއެއް ނޭނގެއެވެ. ބުނަނީ އޮންލައިންކޮށް ޚިދުމަތް ލިބޭ ވާހަކައެވެ.

ޚިދުމަތް އޮންލައިން ކުރި ކަމަށް ބުނާއިރު ގިނަ އޮފީސްތަކުގެ ވެބްސައިޓްތައް ހުރީ މީގެ އެތައް އަހަރެއް ކުރިން ހަމަ ނަމެއްގައި "ވެބްސައިޓް ހަދާފައޭ ހުންނާނީ" ބުނެލަން ހަދާފައިވާ އުސޫލަށް ވެބްސައިޓް ހެދި ގޮތަށެވެ. އެއަށް ވަދެގެން ބަޔަކަށް ވާނުވާ އެނގޭ ގޮތަކަށް ނޫނެވެ. ޚިދުމަތަށް އެދެން ޑައުންލޯޑް ކުރާ ފޯމުތައް އަދިވެސް ހުރީ އެންމެ އިހުގެ ގޮތަށް ޕްރިންޓް ނަގައިގެން އަތުން ލިޔެ ފުރައިގެން ފޮޓޯ ޖަހައިގެން ރެވެނިއު ސްޓޭމްޕް ޖަހައިގެން ގެންގޮސް ކައުންޓަރަށް ލާ ގޮތަށެވެ. ބައެއް އޮފީސްތައް އޮންލައިން ވުމުން މިހާރު މެއިލް ކޮށްލެވޭ ކަމަށް ވެސް ވެއެވެ. އެކަމަކު މެއިލުން ފޮނުވާލުމުން އެ ފޯމު އޮފީހަށް ލިބުނު ކަމެއް، ނޫނީ ފޯމު ފުރާފައި އޮތީ ރަނގަޅަށްތޯ ކަށަވަރުކޮށްލަން އެނގޭނެ ގޮތެއް އޮޅުން ފިލާނެ ގޮތެއް ނެތެވެ. ބައެއް އޮފީސްތަކުން އީ ސަރވިސް ޕްލެޓްފޯމުތައް ހަދާފައި އެބަހުއްޓެވެ. އެކަމަކު އެއީ ހަމަ ނަމަކަށެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ޓްރާންސްޕޯރޓް އޮތޯރިޓީގެ ވެބްސައިޓްގެ ޑައުންލޯޑްގައި ހުރިހާ ފޯމެއް ޑައުންލޯޑް ކުރެވޭނެ ކަމަށް އެފޯމްތަކުގެ ފައިލްތައް އެބަހުއްޓެވެ. އެކަމަކު ހަމަގައިމުވެސް ބައެއް ފޯމްތައް ޑައުންލޯޑަށް ޖެއްސުމުން އަރަނީ އެރާ މެސެޖެވެ. މިހާރު އެ ޚިދުމަތްތައް އެހެން ޕޯޓަލް އަކަށް ބަދަލުވެފައިވާނަމަ ނުވަތަ އެހެން ގޮތަކަށް އެޚިދުމަތް ހޯދަން ޖެހުނަސް އެކަން މައި ވެބްސައިޓުން އެނގެން ހުންނަން ޖެހޭނެއެވެ. ނަމަވެސް އެމީހުންނަށް ހީވެފައި އޮންނަނީ އެމީހުން އިޢުލާނެއް ކޮށްލައި ގެޒެޓްގައި އެއިޢުލާން ޝާއިޢުކޮށްލީމާ އެ މީހުންގެ ވާޖިބު ނިމުނީ ކަމަށެވެ. ގެޒެޓްގައި ޖަހައިގެން މީހަކަށް އެކަން ނޭނގުނަސް އެންމެންނަށް އެންގުނީ ކަމަށް އެމީހުން ނިންމަނީއެވެ.

މަދު އޮފީހެއްގައި އެޚިދުމަތް ހަގީގީ މާނައިގައި ޒަމާނީ ނުވެއެކޭ ނުދަންނަވަމެވެ. މިސާލެއްގެ ގޮތުން އިމިގްރޭޝަން ޑިޕާޓްމެންޓް ހަމަ ފުދޭނެއެވެ. ޕާސްޕޯޓް ބަލައި ދިއުން ފިޔަވައި އެހެން ހުރިހާ ޚިދުމަތެއް އޮންލައިންކޮށް އެދެނީ ހަމަ ހަގީގީ މާނައިގައެވެ. އެއާއި ޚިލާފަށް ކޮންމެ ދުވަހަކު އެންމެ ގިނައިން އާންމުން ޚިދުމަތް ހޯދާ ޓްރާންސްޕޯރޓް އޮތޯރިޓީއަކީ ހަމަ ކުރިން މިދެންނެވި ފަދައިން ނަމުން އޮންލައިން ކަމުން ހަމަ "ކާމް ޗޯރު" ޚިދުމަތްދޭ އޮފީހެކެވެ. ކުރިންވެސް އަބަދު ކިޔޫ ހަދައި މުޅި އޮފީސްތެރެއަށް ވަރުގަދަ "ޒަލްޒަލާއެއް" އައިސްގެން އުޅޭފަދަ ގޮތަކަށް އަބަދުވެސް އޮފީސްތެރެ ފުރިބާރުވެފައި އޮންނަ ގޮތަށް ފެންނަ އެ އޮފީސް އިސްލާހު ކުރަން ވަޒީރު ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް އަދި ހަމަ އޮތީ ވަރަށް ދެރަވަރުކޮށެވެ. ކޮވިޑާ ގުޅިގެން އިކޮނަމިކް މިނިސްޓްރީން ބައެއް އާ ޚިދުމަތްތައް ތަޢާރަފުކޮށް ދޭން ފެށިއެވެ. އޮންލައިންކޮށާއި ފޯނުން ގުޅައިގެންނާއި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޚިދުމަތްތައް ތަޢާރަފު ކުރި ނަމަވެސް ގިނަކަންކަން އޮންލައިންވީ ހަމަ ނަމަކަށެވެ. ފޯނަށް ޖަވާބު ނުދޭތީ ހަތަރު ދަމު ދެތިން ފޯނު އަތަށްލައިގެން ގުޅާލަ ގުޅާލަ ތިބޭ މީހުން އަދިވެސް މަދެއް ނުވެއެވެ.

ޚިދުމަތްތައް އޮންލައިން ކޮށްލެވޭނީ ދެން މިހާކަންހާ ވަރަށް ނޫންތޯއެވެ؟ މިއީ ކޮންގޮތަކަށް ދޭ އޮންލައިން ޚިދުމަތެއްތޯ ރައްޔިތުން ސުވާލު އުފައްދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ރައްޔިތުން ކޮންމެ ދުވަހަކު ޚިދުމަތް ހޯދަންޖެހޭ އިދާރާތަކުން މައުލޫމާތު ސާފުކޮށްލަން ގުޅާލުމުން ފޯނަކަށް ޖަވާބެއް ނުދެއެވެ. ވެބްސައިޓަށް ވަނަސް ވާނުވާއެއް ނޭނގެއެވެ. އަދާހަމައެއް ނުވެއެވެ. ކޯވިޑާއެކު ސަރުކާރުގެ އޮފީސްތަކުގެ ގިނަ ޚިދުމަތްތައް އޮންލައިން ކުރީމާ ރައްޔިތުން ތިބީ ހަދާނެ ގޮތް ހުސްވެ ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ސިޔާސީ ޕާޓީތަކާއި ރައްޔިތުން ވެރިކަން ހަވާލުކުރީމާ ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ އެންމެ މަތީގައި އޮންނަނީ ނުކަތާވަރުގެ ސިޔާސީ ލޭޔަރެކެވެ. ވަޒީރުގެ ދަށުން ދެން ގިނައީ ސިޔާސީ އެކްޓިވިސްޓުންނެވެ. މުޒާހަރާ ކުރަން މަގުމަތީގައި އުޅުނު ކުދިންކޮޅަށް ކޮންމެހެން ވަޒީފާދޭން ޖެހުނީމާ ސުނިލްއެއް އައްޔެއް ކާސިމެއް ތޮއްޔެއަށް ކޮންމެހެން ވެސް ޓައީ އަޅާލަންޖެހޭ ބޮޑު ވަޒީފާއެއް ދޭން ޖެހެއެވެ. ލިޔަންކިޔަން ނުދަތުމަކީ އަދި މުޅިން އެހެން ކަމެއްތާއެވެ.

ދެން ސްކޫލް ނިންމާފައި ޑިގްރީއާއި މާސްޓާސްތައް ނަގައިގެން ތިބޭ ސިވިލް ސާވަންޓުން މި ދެންނެވި، ގޮނޑި ހޫނުކޮށް ކޮފީބޯން ތިއްބަވާ ސުނިލްއާއި އަނިލްއާއި ރަނިލްމެންގެ ދަށުން އެމީހުންނަށް ވުރެ އެތައް ގުނައެއް ކުޑަ މުސާރައަކަށް މަސައްކަތް ކުރާންޖެހޭތީ ތުންވެސް ދަމާނެތާއެވެ. މި ސަކަރާތް ގަނޑުގެ ހުރިހާ ދުއްތުރާލެއް، ދުއްޕާނެއް މިޖެހެނީ އާންމު ރައްޔިތުންނަށެވެ. ގޭނެން މިޖެހެނީ އާންމު ރައްޔިތުންނެވެ.

އަދިވެސް ހަމަ އޮތް ސަގާފަތަކީ ރަހުމަތްތެރިއަކު ހުރިތޯ ބަލާލައިގެން ނޫނީ ގާތް އެކުވެރިއެއްގެ ތިމާގެ މީހަކު އެތަނެއްގައި ހުރިތޯ ބަލައިގެން އޭނާ މެދުވެރިކޮށް ކަންކަން ކުރާ އުސޫލެވެ. ކިތަންމެ ކުޑަ ކަމެއް އޮފީހަކުން ކޮށްލާން ޖެހުނަސް އާދަވެފައި ހުންނަނީ ފުރަތަމަ ވެސް އެތަނުގައި ރަހުމަތްތެރިއަކު ހުރިތޯ ބަލައި އޭނާ މެދުވެރިކޮށް ކުރު ފަސޭހަ މަގަކުން އެކަން ކުރެވޭތޯ ބެލުމެވެ. މިއީ ގިނަ ބަޔަކަށް ނޭނގި ތިބެ ކޮރަޕްޝަނަށް ހުށަހެޅޭ އެއް ދޮރެވެ. ސަރުކާރުގެ އޮފީހަކުން ކޮންމެ ޚިދުމަތެއް ހޯދަން ވެސް އެތަނުގައި އުޅޭ ރަހުމަތްތެރިއެއްގެ ނުވަތަ ދަންނަ މީހަކު މެދުވެރިކޮށް އެކަން ކުރާން ޖެހުމެވެ. މިއުސޫލު ހަމަ އަދިވެސް ހިނގަނީ މިގޮތަށެވެ. އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. ވެރިއެއް ބައިވެރިއެއް ކިޔާނެ ކަމެއް ނެތެވެ. ފުރަތަމަ އެމީހުން ލައްވާ ރަހުމަތްތެރިންގެ ކަންކަން ކުރުވާނީ ތަނުގެ ވެރީންނެވެ.

ރައްޔިތުން އެދޭ ޚިދުމަތް އަވަސްވުމާއި ލަސްވުން ބިނާވެފައި އޮންނަނީ އެ މުވައްޒަފަކަށް ސިއްރާއި ފާޅުގައި ދިއްކޮށްލެވޭ މާލީ އެހީއެއް ނުވަތަ ސައެއް، ކޮފީއެއްގެ ބޮޑުކުޑަމިނާއި ގިނަ މިނެއްގެ މައްޗަށެވެ. އެކަމަކު އެއީ ކޮރަޕްޝަން ކަމަކަށް އެއްބަޔަކު ވެސް ނުދެކެއެވެ. ވާނީވެސް އެހެންތާއެވެ. ކޮރަޕްޝަނަށް ސަރުކާރުން ގެންގުޅެނީ ޒީރޯ ޓޮލަރެންސެވެ. އެހެންވީމާ މި މުއާމަލާތުގެ ތެރެއަށް ކޮރަޕްޝަން އޭ ކިޔާ ކަހަލަ އެއްޗެއް ވަނުމުގެ ފުރުސަތު ހަމަ ހިލާ ނޯއްނާނެ ނޫންހެއްޔެވެ؟

ކޮންމެ އަކަސް ޒަމާނަށް އައި ބަދަލުތަކާއި އާ ޓެކުނޮލެޖީގެ ކުރިއެރުންތަކާއި އެކު އޮފީސްތަކުން ދޭ ޚިދުމަތްތައް އަސްލު މަގުސަދު ހާސިލްނުވާގޮތަށް ހަމައެކަނި ނަމެއްގައި އޮންލައިންކޮށްލި އަސް ކަމަކު ނުދާނެއެވެ. އެކަމުން ރައްޔިތަކަށް ލިބޭނެ މަންފާ އެއް ފައިދާ އެއް ލުޔެއް ނެތެވެ. ރައްޔިތުން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ލިބޭނީ ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް މުވައްޒަފުންގެ ވަޒީފާގެ ޒިންމާ ވީ އެންމެ ރަނގަޅަށް އަދާކުރެވުނު ދުވަހަކުންނެވެ. އެހެންނޫނީ ދުވަހަކުވެސް ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އޮންލައިންކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް ސަރުކާރުން ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މިފަހުން ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް ދަންނަވާ ހުރިހާ ދެންނެވުމެއްގައި ވެސް އެކަން ފާހަގަކުރައްވާފައި އެބަހުއްޓެވެ. އެކަމަކު އެކަން އެގޮތަށް ވާނީ އެވިދާޅުވާ އޮފީސް ތަކުގެ ވެރިން އެ ލިޔުމެއް ވިދާޅުވެ އެކަން އެގޮތަށް ކުރޭތޯ ބައްލަވައިގެންތާއެވެ.

ހަގީގަތުގައި އަދި މިވާގޮތަކީ ހަމަ "އަމާބުނީތީ ފަރަށްދަނީ" އެވެ. ފަރަށް ގޮސް ބޮލިހޮވާށޭ އަމާ ނުބުނާތީ ފަރަށް އެރި އޮވެފައި ދިޔަވަރު ބޮޑުވީމާ ހުސް އަތާ އެއްގަމަށް އަރަނީއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާ ވެސް ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފަސޭހައިން ލިބޭގޮތަށް އޮންލައިންކޮށް ދިނުމަށެވެ. އެހެންވީމާ އޮފީހުގެ ވެރިންވެސް ގެޒެޓްގައި އިއުލާން ކޮށްލައްވަނީ، އެއޮފީހުގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށެވެ. ރައްޔިތުންނަށް އެގޮތަށް ޚިދުމަތް ލިބޭތޯ ކަށަވަރު ކުރައްވާކަށް ރައީސުލްޖުމްހޫރިއްޔާ ނާންގަވާތީ އެކަމެއް ނުކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން