އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓް
އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއާކްރާފްޓް ރާއްޖެ އަށް ގެނެސްފިއެވެ.

ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ އާދެމެދު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއަރ އެއާކްރާފްޓް ރާއްޖެއަށް ގެނެސްފައިވަނީ މިއަދުއެވެ.

އިންޑިއާ އެމްބަސީން ބުނީ މި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައި ކަމަށްވާއިރު މި ބޯޓުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.



މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ހިންގާ ޑްރަގް ޓްރެފިކިންއާއި، އެހެނިހެން މަނާ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި އެއަރކްރާފްޓްގެ ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. ދިވެހި ދިދައާއި ކުލަތައް އަދި އެމްއެންޑީއެފްގެ ނަން ބޭރުގައި ޖަހާފައިވާ މި މަތިންދާބޯޓުގައި ޕައިލެޓުންގެ ގޮތުގައި އެމްއެންޑީއެފްގެ އޮފިސަރުން ޙަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގާ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކުގައި އެހީވުމާއި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން