ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު އުޅުއްވަނީ ޙަސަދައެއް ފިލުވާލަން ކަމަށާއި، ޚިޔާނާތުގެ ފައިސާ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބިފައި ނުވާ ކަމަށް ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މިއަދު ހަވީރު އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އަދީބު ދެއްކެވި ވާހަކަތައް އިންސާފުވެރިކަމާއެކު ބަލައިދިނުމަށް އެދޭ ކަމަށާއި ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ލިބިފައި ނުވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ނެތިން އެކަން ދޮގުކޮށް ބަޔާން ނެރޭކަށް. އެކަމާ ދޭތެރޭ ކަންބޮޑުވާ ބޭފުޅުން ބަޔާންތައް އެބަ ނެރުއްވާ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މައާފަށް އެދި ތައުބާ ވުމަކީ ކަމުގެ ހަގީގަތް ހާމަކޮށްދިނުން ކަމަށާއި، ސަރުކާރާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރުމަށް ތިމާގެ ހިތުގައި ހަސަދަ އޮތް މީހުންނަށް ހަސަދަ ފިލުވުމާލުމަކީ ތައުބާވުން ނޫން ކަމަށެވެ. އަދި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަކުރާއިރު އިންސާފުވެރިކަމާއެކު އެކަން ކުރުމަށްވެސް އަދުރޭ ވަނީ ގޮވާލާފައެވެ.

މިއަދުގެ ޖަލްސާގައި އަދުރޭ އިތުރަށް ވިދާޅުވީ، އަދީބުގެ ވާހަކަތަކުން އެމްޑީޕީ އާއި އަދާލަތާއި އަދި އެމްއާރްއެމް އަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ޔަގީންވާ ކަމަށާއި އެހެންކަމުން މިކަން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުރުން ފުލުހުންނާއި އޭސީސީ އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު