ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަށް އިއުތިރާފުވެ ވަޑައިގެންނެވުމުން އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޙުކުމް ކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ. އެހުރިހާ ދައުވާތަކަށް ވެސް އަދީބު މީގެ ކުރިން ވަނީ އިއުތިރާފްވެވަޑައިގެން އެ ދައުވާތަކަށް ދެވޭނެ އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް، ހަ މަސް ދުވަހަށް ޖަލަށް ލުން، ތިން މަސް ދުވަހަށް ޖަލަށް ލުން، ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ. އަދި ދަޢުލަތުން އެދުނު ގޮތަށް އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ޙުކުމް އިއްވާފައެވެ.

ހުކުމުގައި ބުނެފައިވަނީ އަދީބު ނައިބް ރައީސްކަމުގެ މަގާމާއި ހަވާލުވުމަށްފަހު މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފަޅުތަކާއި، ރަށްތަކުން ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށެވެ. އެ ފައިސާތައް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި، ފައިސާގެ ޗެކު ޖަމާކޮށްފައިވަނީ އަދީބު އަންގާ ބައެއްގެ އެކައުންޓަށް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މަނީ ލޯންޑަރިންގެ ދެ ދައުވާއާ ގުޅިގެން އަދީބު 2 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ އެފައިސާ، 5 އޮކްޓޯބަރު 2020 (މިއަދު) ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ހަލާސް ކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ ޙުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.

ކުރިން މި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އަލުން ކްރިމިނަލް ކޯޓުން މައްސަލަ ބަލަން އެންގުމުން މިދިޔަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ފައިސާތައް ހޯދަންޖެހޭ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ދައުލަތުން ކުރި ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޚިޔާނަތުގެ ފައިސާ ހޭދަކުރި ގޮތުގެ ބައެއް ތަފްސީލްތައް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ހާމަކުރައްވާފައެވެ. އަދި ކުށަށް އިޢުތިރާފުވެ ތައުބާވެ ވަޑައިގެން ރައްޔިތުންގެ ކިބައިން މަޢާފަށް ވެސް އަދީބު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން