ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ރާއްޖެއާއި ޗައިނާ އާއި ދެމެދު ތަންފީޒު ކުރެވޭ ފްރިޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އަމީރާ ކުރެއްވި ސުވާލު ގައި އެދިވަޑައިގަތީ ޗައިނާއާ އެކު އޮތް ފްރީޓްރޭޑް އެގްރިމަންޓަށް އަމަލުނުކޮށް އެ އެއްބަސްވުމުން ލިބޭ ލުއިތައް ދިވެހި މަސްވެރިންނަށް ނުލިބޭ ސަބަބު އޮޅުންފިލުވައި ދެއްވުމަށެވެ.

އެ ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ޗައިނާއާ އެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރެވެން ނެތް ކަމަށާއި، އެ އެގްރިމަންޓް ތަންފީޒު ކުރުމަށް އިތުރު ޤާނޫނުތަކެއް ބޭނުންވާކަމަށެވެ. އެހެންކަމުން މިވަގުތު ފްރީޓްރޭޑް އެއްބަސްވުމަށް އަމަލު ކުރެވެން ސަރުކާރަށް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ޗައިނާއާ ރާއްޖެއާ ދެމެދަކު ނެތް. އެ އެގްރިމަންޓް އޮޕަރޭޝަނަލައިޒް ވާނީ އިތުރު ގާނޫނުތަކެއް ހަދައިގެން. މި އެފްޓީއޭގެ ދަށުން މާބޮޑު ފައިދާއެއްވާކަން ފާހަގަވެފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު އަމީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއް މި ސަރުކާރުން އުވާލާފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން އިސްލާހުކޮށްގެން ކުރިއަށް ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

،"ކުރީ ސަރުކާރުތަކުން ގޯސްކޮށް ކޮށްފައި ހުންނަ ކަންކަން ދިރާސާކޮށް ކަރެކްޓިވް މެޝާޒްތައް އަޅުގަނޑުމެން މިއަންނަނީ ލަމުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރުގެ ވާހަކަތަކަށް ތާޢީދު ކުރައްވައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވީ އެ އެއްބަސްވުމުގެ 165 ވަނަ މާއްދާގެ ދަށުން ޗައިނާގެ ފްރީޓްރޭޑް އެގްރިމަންޓަށް އަމަލު ކުރެވެން އަންނަނީ ދެ ގައުމުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ފަރާތަކުން އަދި އެކަންކަން ފުރިހަމަކޮށްފައި ނުވާތީ، ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީޓްރޭޓް އެގްރިމަންޓެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން