ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ތަފުސީލުތައް މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ހޯއްދަވައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖެއާއި އިންޑިއާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އޮތް ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަތުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.

މައްސަލަ ބަލައިގަތުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލާގައި ފާހަގަކޮށްފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުތަކުން ފެށިގެން ހިނގަމުން އަންނަ އެއްބަސްވުންތަކެއް ކަމަށާއި އެހެންކަމުން އެ އެއްބަސްވުންތަކުގައި "ކުއްލި މައްސަލަ" އެއް ނެތް ކަމަށެވެ. އަދި ޝިޔާމް އެދިވަޑައިގަންނަވާ ތަފުސީލުތައް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީ މެދުވެރިކޮށް ހޯއްދަވާނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

"އަޅުގަނޑަކަށް އެއްވެސް ޝައްކެއް ނުހިނގާ އެބާވަތުގެ އެގްރީމެންޓެއް ރައީސް ކުރައްވާނަމަ މި މަޖިލީހަށް އޭގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާނެ. އަދި އިއްޒަތްތެރި މެމްބަރު ތި އެދިވަޑައިގަންނަވާ މައުލޫމާތު ރަނގަޅަށް މި މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ މެދުވެރިކޮށްގެން އިއްޒަތްތެރި މެމްބަރަށް ހޯދައިދޭނަން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝިޔާމްގެ މައްސަލާގައި އެދިވަޑައިގެންފައިވަނީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން 50 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމާއި 10 އަހަރުވެގެން ދިޔައިރު ދިވެހި ޕައިލެޓުން ތަމްރީން ކުރެވިފައި ނުވުމުން އެ އެއްބަސްވުންތައް މިހާރު އޮތް ގޮތުގެ ތަފްސީލު ހޯއްދެވުމަށެވެ. އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން ނިންމާފައިވާކަން އިންޑިޔާއިން ހާމަކޮށްފައިވާއިރު މިހާ ބޮޑު ހޭދައެއް ކޮށްގެން ސްޓޭޑިއަމެއް ރާއްޖޭގައި އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުން ސާފުކުރަން ބޭނުންވާތީއާއި މި ދެ އެއްބަސްވުމުގައި ހިމެނޭ އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކޮށްދީފައި ނުވާ ކަމަށް މި ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން