ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން
ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން
އިދިކޮޅު ކޯލިޝަންގެ މަސައްކަތް ނިންމާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް 2023 ވަނަ އަހަރުގައި ރަޢީސުލް ޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކޮށްފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީލޯންޑަރިންގެ ޙުކުމާ ގުޅިގެން އެމަނިކުފާންގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ. މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން އެމަނިކްފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް މިހާރު ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ "ޕީޕީއެމް އަދި ޕީ.އެން.ސީ އިން ކުރަމުން އަންނަ މަސައްކަތް ނިންމާނީ، ރަޢީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ކޮށް، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެ ހިމާޔަތުގައާއި ދިވެހި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރަން އެމަނިކުފާނު 2023 ވަނަ އަހަރުގައި ރަޢީސުލް ޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކޮށްފައި" ކަމަށެވެ.

ސުުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮތް 8 އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނަ ކަމަށެވެ. އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެއަމުރު ބާތިލް ކަމަށް ނިންމި ނިންމުމަށްވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވާ ކަމަށް ހުކުމްގައި ވެއެވެ.

ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކޮށް ޔާމީންގެ އެކައުންޓްތައް ހިފަހައްޓަން އެދުނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅިގެން ކަމަށް ވެފައި، އިސްލާމިކް ބޭންކުގައި އޮތް އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމަށް މިދިއަ އަހަރުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

އެމައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުުން ވަނީ ބާތިލުކޮށްފަ އެވެ. ހައިކޯޓުން އެ އަމުރު ބާތިލްކުރީ އެ އަމުރަކީޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. ސްޕްރީމް ކޯޓުން ކުރި ޙުކުމްގައި ހައިކޯޓުގެ ނިއްމުމަށް ވަނީ ތާއީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން