ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް
ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މަޖިލީހުގެ މެމްބަރުން އިށީނދެ ވަޑައިގެން ތިއްބަވާ ތަރުތީބަށް ބަދަލު ގެނަސް، ސިޔާސީ ޕާޓީތައް ވަކީން ތަޅުމުގައި ތިބޭ ގޮތަށް ބަދަލުކުރުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މި ރިޕޯޓް ހުށަހަޅާފައިވާއިރު، ކޮމިޓީ މަރުހަލާގައި ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެމްބަރުން އެއްކޮށް ތިއްބަވާގޮތަށް ބަދަލު ގެނައުމުން މެމްބަރުން ތިބޭނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕުންނެވެ. އަދި މި ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެއްކަމަށް ކޮމިޓީ މަރުޙަލާގައި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މާދަމާގެ ޖަލްސާ އަށް މި ރިޕޯޓާއިއެކު ދެން އެޖެންޑާ ކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންގެންދާ ގަވާއިދުތަކުގެ ދަށުން ފީ އަދި ޖޫރިމަނާ ނަގަމުންދާ ގަވާއިދުތައް ބަލައި އެ ފީތައް ނަގަމުންދަނީ ޤާނޫނާ އެއްގޮތަށްތޯ ބަލައިދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ.

އޭގެ އިތުރުން ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް، ޑޮކްޓަރ ޢާޞިމް އަޙްމަދު، ގ. ފަރުކަނި، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން