ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމުގެ އާ އުސޫލަށް ޢަމަލުކުރަން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ މި އުސޫލަކީ މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންގެ ތެރެއިން، މި އުސޫލުގެ ދަށުން އެހީ ދިނުމަށް ހޮވޭ ދަރިވަރުންނަށް، ހަމަހަމަކަމާއި ހާމަކަމާއިއެކު ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ކިޔެވި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމަށް ބާރު އަޅައި އެކަމަށް ހިތްވަރުދިނުމަށް ކަނޑައެޅި އުސޫލެކެވެ.

މި އުސޫލުގެދަށުން ސްކޮލަޝިޕާއި، ޚާއްސަ އެހީދޭއިރު، ލެވަލް 5 އިން ފެށިގެން ލެވަލް 10އަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތާއި، މި ލެވެލްތަކުގައި ކިޔަވާ ދަރިވަރުންނަށް ދެވޭ އެހެނިހެން ޚާއްސަ އެހީތައް ލިބޭނެއެވެ.

މި ޢުސޫލުގައި ބުނާގޮތުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް އިޢުލާނުކުރުމުގެ ކުރިން އެ އިރެއްގެ ޙާލަތަށް ބަލައި ސްކޮލަރޝިޕްދޭނެ ދާއިރާތައް ކަނޑައަޅާނީ، މި އުސޫލުގެދަށުން އެކުލަވަލާ "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމާބެހޭ ކޮމިޓީ"އިން ބެލުމަށްފަހުއެވެ. މި އުސޫލުގައި ސްކޮލަރޝިޕް ދިނުމުގެ ޝަރުތުރުތަކާއި، ސްކޮލަރޝިޕް ދިނުމުގައި އިސްކަން ދޭނެ ކަންތައްތަކާއި، ކިޔެވުމުގެ މުއްދަތާއި، ސްކޮލަރޝިޕް ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ. އެގޮތުން ސްކޮލަރޝިޕްގައި ދޭ ފައިސާ ޚަރަދުކުރާނެ ގޮތްތަކާއި، ފައިސާ އުނިކުރެވޭނެ ޙާލަތްތަކާއި، އުނި ނުކުރެވޭނެ ޙާލަތްތަކާއި، އަދި ދަރިވަރަކު ކޯހުން ފެއިލްވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތައްވެސް މިއުސޫލުގައިވެއެވެ.

މިއުސޫލުގެ ދަށުން ހާއްސަ އެހީގެ ގޮތުގައި ޓިކެޓާއި، ޓިއުޝަން ފީއާއި، ވިސާގެ ޚަރަދުތަކާއި، ހެލްތް އިންޝުއަރެންފަދަ ޚަރަދުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާ އުސޫލު މިއަދު ގެޒެޓުކޮށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލު ކުރަމުން އައި "ޒަކާތު ފަންޑު ސްކޮލަރޝިޕާއިބެހޭ އުސޫލު" މިހާރު ވަނީ ބާޠިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން