ބޮޑުވަޒީރު އަންވަރު އިބްރާހީމް
ބޮޑުވަޒީރު އަންވަރު އިބްރާހީމް
މެލޭޝިއާގެ ތެރެއިން އިޒްރޭލުގެ ރައްޔިތަކު ފެނިއްޖެ ހިނދެއްގައި، އެއްވެސް ލަސްކުރުމެއް ނެތި އެ މީހަކު ވަގުތުން އަނބުރާ ފޮނުވާލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ، މެލޭޝިއާގެ ޖޯހޯރު ސްޓޭޓްގައި ހުންނަ އަމިއްލަ ރެސިޑެންޝިއަލް ކޮމިއުނިޓީއެއްގެ ހަރަކާތްތަކުގައި އިޒްރޭލުގެ ރައްޔިތަކު ބައިވެރިވަމުންދާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކަކާ ގުޅިގެންނެވެ.

މި މައްސަލަ ކަމާބެހޭ އިދާރާތަކުން ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި، ތުހުމަތުތައް ސާބިތުވެއްޖެނަމަ ފިޔަވަޅު އެޅުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިޒްރޭލުގެ ރައްޔިތަކު ފެނިއްޖެނަމަ، ވަގުތުން އަނބުރާ ފޮނުވާލާނަން. އެއީ އިޒްރޭލަކީ ގައުމެއްގެ ގޮތުގައި މެލޭޝިއާއިން ގަބޫލުނުކުރާތީ،" އަންވަރު ވިދާޅުވިއެވެ.

މެލޭޝިއާގެ ސިޔާސަތު އޮންނަ ގޮތުން، ހާއްސަ ހުއްދައެއް ނެތި އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް އެ ގައުމަށް އެތެރެވުމަކީ މަނާ ކަމެކެވެ. މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.

މީގެ އިތުރުން، ފޮރެސްޓް ސިޓީގައި ތިބި 266 ބިދޭސީން ބަލައި ފާސްކުރިއިރު، އެ އެންމެންގެ އަތުގައި ވެސް ގަވާއިދާ އެއްގޮތަށް ސައްހަ ލިޔެކިޔުންތައް ހުރިކަން އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު