އަހުމަދު ޔާމިން   27 އޮކްޓޯބަރު 2020 - 15:16
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ވ) އާއި ހޯމް މިނިސްޓަރ އިމްރާން (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ވ) އާއި ހޯމް މިނިސްޓަރ އިމްރާން (ކ)
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޮނުވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު މިނިސްޓަރު އިމްރާނަށް ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 11 މެންބަރުންގެ ސޮޔާއެކުއެވެ. މަޖިލީހުގައި ތިއްބަވާ އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރަކާއި، އަމިއްލަ ދެ މެންބަރަކު މި މައްސަލައިގެ ގަރާރުގައި ސޮއިކުރެއްވިއެވެ. އަމިއްލަ މެމްބަރުންގެ ތެރެއިން މި ޤަރާރުގައި ސޮއި ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، "އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ކުރިން އިމްރާނަށް ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު އަޅުގަނޑު ފޮނުވާނަން، އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނެ،" ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ހިނގި ހާދިސާއަކީ މާބޮޑު ކަމަކަށް ނުވާކަހަލަ ގޮތަކަށް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވާފައިވާތީއާއި އޭނާ ގާނޫނު އަސާސީ އާއި ޚިލާފުވެވަޑައިގެންފައި ވާތީ ކަމަށެވެ .އަދި އެކަންތައްތަކަށް ބަލައި އިމްރާން މިހާރު އެ މަޤާމުގައި ހުންނެވުމަށް ކުފޫ ހަމަވާކަމަކަށް އިދިކޮޅު ކޯލިޝަނުން ނުދެކޭ ކަމަށެވެ. މަޖިލީހުގެ ގަވާޢިދާއެއްގޮތަށް އިމްރާން ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީއެޅީ އެހެންވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައެޅީ އަދުލް އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލްކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭތީ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނަނީ 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅޭނެ ކަމަށެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން